ކުޅިވަރު
އެންމެ އަގު ބޮޑު އިނގިރޭސި ކީޕަރުގެ ގޮތުގައި ޓްރެފޯޑް މެންޗެސްޓަރ ސިޓީއަށް

ޖޭމްސް ޓްރފޯޑު---
އެންމެ އަގު ބޮޑު އިނގިރޭސި ގޯލްކީޕަރުގެ ގޮތުގައި ޖޭމްސް ޓްރެފޯޑް މެންޗެސްޓަރ ސީޓީއަށް ބަދަލުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބާރންލޭއަށް މިދިޔަ ސީޒަންގައި ކުޅުނު ޓްރެފޯޑު ސިޓީއަށް ވިއްކާލީ ޖުމްލަ 31 މިލިއަން ޕައުންޑަށެވެ.
މީގެ ކުރިން އެންމެ އަގު ބޮޑު އިނގިރޭސި ގޯލްކީޕަރަކަށް ހުރީ ޖޯޑަން ޕިކްފޯޑެވެ. އޭނާ ސަންޑަރލޭންޑްއިން ގަތުމަށް އެވަޓަންއިން 2017 ވަނަ އަހަރު 30 މިލިއަން ޕައުންޑު ހޭދަކޮށްފައިވެއެވެ.
އުމުރުން 22 އަހަރުގެ ޓްރެފޯޑަކީ މެންޗެސްޓަރ ސިޓީގެ އެކެޑެމީއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް ނިކުތް ކުޅުންތެރިއެކެވެ. އޭނާ 2023ގައި ބާރންލޭއަށް ވިއްކާލާފައި ވަނީ 19 މިލިއަން ޕައުންޑަށެވެ.
ޓްރެފޯޑު ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ، ބާރންލޭ ޕްރިމިއަރ ލީގަށް ގެނައުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޕްރިމިއަރޝިޕްގައި އެ ޓީމުން ކުޅުނު 45 މެޗުގެ ތެރެއިން 29 މެޗުގައި އޭނާ ކޮޅަށް އެއްވެސް ގޯލެއް ވައްދާލެވިފައެއް ނުވެއެވެ.
ޓްރެފޯޑު ސިޓީއަށް ބަދަލުވާން ނިންމިކަން އިޢުލާން ކުރަމުން ބާރންލޭއިން ބުނީ، އޭނާ ސިޓީއަށް ބަދަލުވަނީ އިނގިރޭސި އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ކަމަށާއި، އަދި އޭނާއަކީ މިހާތަނަށް އެ ކްލަބުން އެންމެ ބޮޑު އަގުގައި ވިއްކާލާ ކުޅުންތެރިއާ ކަމަށެވެ.
އޭނާ ހޯދުމަށް ނިއުކާސްލް ޔުނައިޓެޑުން 27 މިލިއަން ޕައުޑުގެ ބިޑެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ޓްރެފޯޑު ބޭނުންވީ އަނބުރާ ސިޓީއަށް ދިއުމަށެވެ.
ޓްރެފޯޑު ސިޓީއަށް ބަދަލުވީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ ކްލަބުގައި އޭނާ ބޭނުންކުރާނީ 1 ނަންބަރު ޖާރޒީއެވެ.