ޚަބަރު
ބޮޑުކުރި މުސާރަ ފުލުހުންނަށް ދަނީ ދެމުން: ފުލުހުންގެ އިދާރާ

37ވަނަ ބޭސިކް ޓްރެއިނިން ކޯސް ފެށުމުގެ ރަސްމިއްޔާތު - 21 ޖުލައި 2024، ފޮޓޯ: ޕޮލިސް

ފަރުދުން
30 ޖުލައި 2025، 06:38
30 ޖުލައި 2025، 06:38
ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، ފުލުހުންނަށް ބޮޑުކުރި މުސާރަ ދެމުން ގެންދާކަމުގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުކުރި މުސާރަ ފުލުހުންނަށް ނުދޭކަމަށް ބުނެ ދެކެވެމުން ދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައެވެ.
މިކަމުގެ ހަޤީޤަތް ހާމަކުރައްވަމުން އެ ބަޔާނުގައި ބުނީ، 2024ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ސަރުކާރުން ކަނޑައެޅިގޮތަށް، ބޮޑުކުރި މުސާރަ އެއްވެސް އުނި އިތުރެއް ނެތި ފުލުހުންނަށް ދެމުންގެންދާކަމަށެވެ.
އެގޮތުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށާއި، އެހެންކަމުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފަވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށްވެސް މުސާރަ ދިނުމުގައި ޢަމަލުކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ބޮޑު ކުރި މުސާރަ ފުލުހުންނަށް ހަމަ އަށް ނުލިބޭ ކަމަށްބުނެ ދެކެވޭ ވާހަކަތަކާ ގުޅޭ pic.twitter.com/nGw332Gs03
— Maldives Police (@PoliceMv) July 29, 2025
އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން، އިތުރުކުރެވިފައިވާ މުސާރަ ވެސް ދެމުންގެންދާނެކަމަށް އެ ބަޔާނުގައި ވެއެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުފުޅާ އެއްގޮތަށް ހުރިހާ ފުލުހުންގެ މުސާރަ %35 ބޮޑުކުރެއްވުމަށް އެ މަނިކުފާނު ނިންމެވީ 19 މަރޗް 2024ގައެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް މިވަރުގެ ބޮޑު ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ. އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ.