ކުޅިވަރު
ސިންގަޕޫރުގައި ރާއްޖޭގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ރެކޯޑު އާކޮށްފި

200 މީޓަރ ބަޓަރފްލައި އިވެންޓުގެ ރެކޯޑު އާކުރި މުޙައްމަދު ރިޙާން---
ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ރެކޯޑު އާކޮށްފިއެވެ.
މި ރެކޯޑު އާކޮށްފައިވަނީ 02:25.20 އިން ރޭސް ނިންމައިގެން މުޙައްމަދު ރިޙާން ޝިހާމްއެވެ.
މި ރެކޯޑު އެންމެ ފަހުން ވެސް އޮތީ ރިޙާންގެ އަތުގައެވެ. އޭރުގެ ރެކޯޑު އާކޮށްފައި މިވަނީ، އެ ރެކޯޑު ހެދިތާ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފަހުންނެވެ. އެ ރެކޯޑު އޭނާ ފުރަތަމަ ހެދީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 02:28.17 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އިތުރު ދެ ރެކޯޑެއް ވެސް ރާއްޖޭގެ ފެތުންތެރިން އާކޮށްފައިވެއެވެ. އެއީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑެވެ.
އެގޮތުން ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު މުގުރާލާފައި ވަނީ އަމްނާ ތަޒްކިޔާ މިރުޞާދުއެވެ. އަދި ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އައުކުރީ މިރާލް ޢައިން ލަތީފްއެވެ.