ކުޅިވަރު
ޒޯން ލީގުތަކުގެ މަސައްކަތްތައް މި އަހަރު ފެށުމަށް އެފްއޭއެމްއިން ނިންމައިފި

ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް، ފޮޓޯ: މިހާރު
އަލަށް އިންތިހާބުވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޒެކެޓިވް ކޮމެޓީއިން ރާއްޖޭގެ ފުޓުބޯޅަ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން، ޒޯން ލީގުތަކުގެ މަސައްކަތްތައް މި އަހަރު ފެށުމަށް ނިންމާފައިވާކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އާ ހިންގާ ކޮމެޓީއިން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.
މިކަން ހާސިލްކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަން ނިންމާފައިވަނީ އެފްއޭއެމްގެ އަސާސީ ޤަވާއިދުގެ 86 ވަނަ މާއްދާގެ 9ގައި ބަޔާންކުރާ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމުގެ މަސައްކަތެވެ. އެގޮތުން އެފްއޭއެމްއިން އަލަށް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަލަންޑަރުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވައިލައިގެން ބާއްވާން ނިންމާފައިވާ އަތޮޅު، ޒޯން އަދި ރީޖަނަލް ފުޓުބޯޅަ މުބާރާތް/ލީގު ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި މި ލީގު މި އަހަރުގެ ތެރޭގައި ފެށުމަށް ވެސް ނިންމާފައިވެއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އިތުރު ފަސް ކަމެއް ވެސް ނިންމާފައިވެއެވެ. އެއީ:
- މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރޭ އަހަރުކަމުގައި ވުމުން އެކަން ކުލަގަދަކޮށް ފާހަގަ ކުރުން.
- ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު ފުޓްސަލް އަދި ބީޗް ސޮކާ އަށް "ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމެޓީ" ގެ ނަމުގައި ކޮމެޓީ އެއް އުފެއްދުން.
- އަލަށް އެކުލަވާލި ދެ ކޮމެޓީ އަށް ނަންތައް ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބަކަށް ހުޅުވައިލުމަށް ނިންމުން.
- އަލަށް އެކުލަވާލާ ސީޒަން ކަލަންޑަރާ މެދު މަޝްވަރާ ކުރުމަށް ނިންމާ، ކޮމެޓީތަކަށް މެމްބަރުން އަންޔަން ކުރެވުމުން ކަލަންޑަރާ ދޭތެރޭގައި ގޮތެއް ނިންމުން.
- ގައުމީ ޓީމުގެ ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަށް ހުރުމާއެކު ގައުމީ ޓީމުތަކުގެ ކޯޗުންނާ އޮފިޝަލުން ކަނޑައަޅާނެ ގޮތާމެދު މަޝްވަރާ ކުރެވި، އަލަށް އެކުލަވާލާ ކޮމެޓީތައް އެކުލަވާ ނިމުމުން ގައުމީ ޓީމުތަކަށް ކޯޗުން އައްޔަން ކުރަން ނިންމުން.
އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ކުރިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ފުޓުބޯޅަ ނިޒާމް ފުރިހަމަކުރުމަށް މަސައްކަތްކުރާނީ 4 ޒޯނަކަށް ބަހާލައިގެންނެވެ.
އެފްއޭއެމްއިން ޒޯންތައް ބަހާލުމަށް ނިންމާފައިވާ ގޮތް:
- ނޯތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)
- ސެންޓްރަލް ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
- ސައުތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)
- މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)