ޚަބަރު
ފަލަސްތީނުގެ މައްސަލައިގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ފަލަސްތީނުގެ މައްސަލައިގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުން---

ފަރުދުން
29 ޖުލައި 2025، 08:34
29 ޖުލައި 2025، 08:34
ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން އެކުވެރި ދައުލަތް (އ.ދ.)އިން ބާއްވާ މަތީފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ބާއްވާ މި ބައްދަލުވުމަކީ "ހައި ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން"ގެ ނަމުގައި ބާއްވާ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ވަފުދުގައި އިސްކޮށް ހުންނަވާނީ އ.ދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ޢަލީ ނަޞީރު މުޙައްމަދުއެވެ. އަދި މި ކޮންފަރެންސް ގެ ޕްލެނަރީ ސެޝަންގައި އެ މަނިކުފާނު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވަނީ ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިންނެވެ. އަދި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސް ފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުން އިސްރާއިލާއި ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމެވެ.
މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ. އެ ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ދިވެހިރާއްޖެއިން ކެނޑިނޭޅި ދަނީ ވަކާލާތުކުރަމުންނެވެ.