ކުޅިވަރު
ފެތުމުގެ ދެ އިވެންޓަކުން ސިންގަޕޫރުގައި ޤައުމީ ރެކޯޑުތަކެއް މުގުރާލާއިފި

ރެކޯޑު ހެދި އަމްނާ ތަޒްކިޔާ މިރުޞާދު (ވ) އަދި މިރާލް ޢައިން ލަތީފް (ކ)---
ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ދެ ރެކޯޑެއް މުގުރާލައިފިއެވެ.
އެ މުބާރާތުގައި ރާއްޖެއިން މުގުރާލާފައި ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގްކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑެވެ.
އެގޮތުން ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު މުގުރާލާފައި ވަނީ އަމްނާ ތަޒްކިޔާ މިރުޞާދުއެވެ. އަމްނާ މި ރެކޯޑު މުގުރާލީ 01:13.49 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤަައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ ހަމްނާ އަޙްމަދެވެ. އެއީ 2024 ވަނަ އަހަރު މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 01:17.69އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
އަދި ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އައުކުރީ މިރާލް ޢައިން ލަތީފްއެވެ. އޭނާ މި ރެކޯރޑް އާކޮށްފައިވަނީ 02:44.34އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މިރާލްއެވެ. އެއީ، މި އަހަރު ކުރީކޮޅު ޔޫކޭގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި 02:45.93އިން ރޭސް ފުރިހަމަކޮށްގެންނެވެ.