ކުޅިވަރު

ބެޔާނުން ހުށަހެޅި އަގަށް އެއްބަސްވެ، ލިވަޕޫލްގެ ދިޔާޒް ބެޔާން މިއުނިކަށް

ބެޔާނުން ހުށަހެޅި އަގަށް އެއްބަސްވެ، ލިވަޕޫލްގެ ދިޔާޒް ބެޔާން މިއުނިކަށް

ލުއިސް ދިއާޒް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 ޖުލައި 2025، 08:53

28 ޖުލައި 2025، 08:53

އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް، ލުއިސް ދިޔާޒް ޖަރުމަނުގެ ބެޔާން މިއުނިކަށް ބަދަލުވުމަށް އެއްބަސްވުމަކަށް އައިސްފިއެވެ.

ބެޔާންގެ ކުރިއަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން، އޭނާގެ ބަދަލުގައި އެ ޓީމުން ބޭނުންވީ ކޮންމެ އަގެއް ދިނުމަށްފަހު ވިޔަސް ދިޔާޒް އެ ޓީމަށް ގެންދިއުމަށެވެ.

އެގޮތުން ބެޔާންއިން އެންމެ ފަހުން ހުށަހެޅީ 65.5 މިލިއަން ޕައުންޑަށް ލިވަޕޫލްއިން އެއްބަސްވިއެވެ. މި އެއްބަސްވުމުގައި އިތުރު މާލީ ފައިދާތަކެއް ވެސް ލިވަޕޫލަށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ދިއާޒް ގަތުމަށް ބެޔާނުން ފުރަތަމަ ހުށަހެޅީ 58.6 މިލިއަން ޕައުންޑުގެ އަގެކެވެ. ނަމަވެސް އެ ހުށަހެޅުމަށް ލިވަޕޫލުން އެއްބަހެއް ނުވެއެވެ. 

މި އެއްބަސްވުމާ ގުޅިގެން އިއްޔެ ހޮންގްކޮންގުގައި އޭސީ މިލާން އާއި ލިވަޕޫލް ބައްދަލުކުރި އެކުވެރިކަމުގެ މެޗު ވެސް އޭނާ ކުޅެފައެއް ނުވެއެވެ. 

އަދި ބެޔާންއާއެކު މެޑިކަލް ހެދުމަށް އަނބުރާ ޔޫރަޕަށް ދިއުމުގެ ޙުއްދަ ވެސް ލިވަޕޫލުން ވަނީ ދިއާޒްއަށް ދީފައެވެ. 

ލިވަޕޫލުން ވަނީ މި "ޓްރާންސްފާރ ވިންޑޯ"ގައި މިހާތަނަށް ދެ ފޯވާޑެއް ގެނަސްފައެވެ. އެއީ ފްލޯރިއަން ވާރޓްސް އާއި ހޫގޯ އެކިޓިކޭއެވެ. މީގެ އިތުރުން ނިއުކާސްލްގެ އެލެކްސެންޑަރ އިސާކްއަކީ މިހާރު ލިވަޕޫލުން އެންމެ ކަޅިއަޅަމުންދާ ކުޅުންތެރިޔާއެވެ. އަދި އޭނާއަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްއިން ލިބުނު ހުށަހެޅުމަށް ފުރަގަސްދިނީވެސް ލިވަޕޫލަށް ބަދަލުވާން ބޭނުންވާތީކަމަށް ރިޕޯޓުތައް ބުނެއެވެ. 

ދިއާޒް ލިވަޕޫލަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖެނުއަރީގައި ޕޯޓޯއިން 37 މިލިއަން ޕައުންޑަށެވެ. އެއަށްފަހު އެ ޓީމަށް ކުޅުނު 148 މެޗުން 41 ގޯލު ކާމިޔާބުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން