ކުޅިވަރު
ޗެލްސީގެ ޖޯއޯ ފީލިކްސް އަލް ނަސްރަށް ގެންދަނީ

ޗެލްސީގެ ޖޯއޯ ފީލިކްސް
ސައުދީ ޕްރޯ ލީގުގެ މަޝްހޫރު ކްލަބް އަލް ނަސްރަށް އިނގިރޭސި ކްލަބް ޗެލްސީގެ ފޯވާޑް ޖޯއޯ ފީލިކްސް ބަދަލުވުމާ ގާތްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބަދަލުވުން ހަގީގަތަކަށް ވެއްޖެނަމަ، ޕޯޗުގަލްގެ މި ތަރި، އޭނާގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އަލުން އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ބަދަލުވުމުގެ އަގަކަށް 44 މިލިއަން ޕައުންޑް ހަބަރުތައް ބުނެއެވެ.
ނޫސް ރިޕޯޓްތައް ބުނާ ގޮތުގައި، ސައުދީގެ މި ކްލަބުން މިހާރު ދަނީ ފީލިކްސްގެ އޭޖެންޓުންނާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި ފުރިހަމަ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވިދާނެ ކަމަށްވެސް ރިޕޯޓްތަކުން ދޭހަވެއެވެ.
ފީލިކްސް އަލުން ބެންފިކާއަށް ގެނައުމަށް ބެންފިކާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަލް ނަސްރަށް ފީލިކްސް ބަދަލުވުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ވަނީ ހަބަރު ލިބިފައެވެ. ސަބަބަކީ އަލް ނަސްރަށް ފުރިހަމަ ހުށަހެޅުމެއް ފީލިކްސް އަށް ހުށަހަޅާފައި ވާތީއެވެ.
މި ބަދަލުވުން ވަގުތަށް ނިމިއްޖެނަމަ، ފީލިކްސް އޭނާގެ ފުރަތަމަ މެޗު އަލް ނަސްރާއެކު ކުޅެފާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު އޮސްޓްރިއާގެ ގްރޯޑިގްގައި ހުންނަ އަންޓަސްބާގް އެރީނާގައި ފްރާންސްގެ ޓޫލޫސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެއްގައެވެ.
ޖޯއޯ ފީލިކްސް، ޗެލްސީއާ އެންމެ ފުރަތަމަ ގުޅުނީ 2022/23 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެތްލެޓިކޯ މެޑްރިޑް އިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ދުވަސްވަރު ޗެލްސީއަށް 20 މެޗުގައި ކުޅެ 4 ގޯލު ވަނީ ޖަހާފައެވެ. އެ ލޯނު އެއްބަސްވުމަށް ފަހު، ޗެލްސީއަށް އޭނާ ދާއިމީކޮށް ބަދަލުވީ 46.3 މިލިއަން ޕައުންޑަށެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް 45 މެޗު ކުޅެފައިވާ ފީލިކްސްގެ ފުޓްބޯޅަ ކެރިއަރު ފެށިފައިވަނީ ބެންފިކާ އިންނެވެ. ބެންފިކާގައި ދެއްކި މޮޅު ކުޅުމަށް ފަހު 2019 ވަނަ އަހަރު ރެކޯޑް އަގެއްގައި އެތްލެޓިކޯ މެޑްރިޑް އަށް ބަދަލުވިއެވެ. އެތްލެޓިކޯ މެޑްރިޑްގައި އޭނާ ވަނީ ލަލީގާގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.