ކުޅިވަރު

އުމެއިރު ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާރކޮށް އެކަން އިޢުލާންކޮށްފި

އުމެއިރު ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާރކޮށް އެކަން އިޢުލާންކޮށްފި

ޤައުމީ ޓީމުގެ ޖާޒީގައި މުޙައްމަދު އުމެއިރު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2025، 08:37

27 ޖުލައި 2025، 08:37

ދިވެހި ފުޓުބޯޅައިގައި ނަން މަޝްހޫރު މުޙައްމަދު އުމެއިރު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފިއެވެ. 

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަ ކުރުމަށްފަހު އެ ފިޔަވަޅު މަތިން ފަހަތަށް ޖެހިލަން ނިންމީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޒެކެޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި އިންތިހާބުވުމުންކަމަށެވެ. 

އުމެއިރު އޭނާގެ ފުޓުބޯޅަ ހަޔާތުގެ ވާހަކަތައް ކުރުކޮށް ސިފަކޮށްދެމުން ބުނީ "މިއީ ހައިރާންކުރުވަނިވި ދަތުރެއް" ކަމަށެވެ. އަދި 16 އަހަރުން ދަށުގެ ޤައުމީ ޓީމުން ފެށިގެން، އުމުރުން އެންމެ 17 އަހަރުގައި ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެން ފެށި އުމެއިރު ބުނީ، އޭނާގެ ކާމިޔާބީގެ ފަތަހަތުގައި ތިބީ މި ދަތުރުގައި އެންމެ އެހީތެރިވި ކޯޗުންކަމަށެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުމެއިރު ފާހަގަކުރީ ލިރުޤާމް ސަޢީދު (ލަރޭ)އެވެ. އުމެއިރު ބުނީ އޭނާ މާލެއަށް ގެނަސް ކިޔެވުމާއި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނީ ލަރޭކަމަށެވެ.

އުމެއިރު މާލެ އައިސް އެންމެ ފުރަތަމަ މަސައްކަތްކުރީ 16 އަހަރުން ދަށުގެ ޤައުމީ ޓީމުގައެވެ. އެއީ އަލްމަރުޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އާއި މުޙައްމަދު ޝިޔާޒު (މޯހާން)ގެ އިރުޝާދުގެ ދަށުންނެވެ.

އަދި އުމުރުން 17 އަހަރުގައި ކްލަބް ވިކްޓްރީއިން އޭނާއަށް މަރުޙަބާ ކިޔާފައިވަނީ ތަޖުރިބާކާރު ދެ ކޯޗުން ކަމުގައިވާ މަޢުރޫފް އަޙްމަދު (މާއްޓޭ) އާއި ޢަލީ ސުޒެއިންއެވެ. އެ ކްލަބުގައި އޭނާ ކުޅުނީ ކަނާތް ފަރާތުން ފުލްބެކަކަށެވެ. 

އެއަށްފަހު އޭނާ ވަނީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އިތުރުން، ސީނިއާރ ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައެވެ. 

އުމެއިރު ބުނީ އެފްއޭއެމްގެ އެކްސްކޯގެ މަޤާމެއްގައި އައު ދަތުރެއް ފަށާއިރު އޭނާގެ އަޒުމަކީ ފުޓުބޯޅައިން ގެއްލިފައިވާ ފޯރި އަނބުރާ ގެނައުމަށް މަސައްކަތް ކުރުމެވެ. 

މި އައު މަޤާމުގައި ﷲ އަހަރެންނަށް ތެދުމަގު ދައްކަވާށިއެވެ. ގެއްލިފައިވާ ޖޯޝު އަނބުރާ ގެނެސް، ދިވެހި ފުޓުބޯޅައަށް އޮތް ލޯބި އަލުން ރޯކޮށް، އަދި އަހަރެމެންގެ ވާދަވެރިކަން ދަނޑުގައި - އޭގެ ޙައްޤު ވެގެންވާ ތަނުގައި - ވަރުގަދަކޮށް ހިފަހައްޓަމާ ހިނގާށެވެ.

އުމެއިރުގެ މެސެޖުގައި ވެއެވެ.

ދިވެހިރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އުމެއިރު ހިމެނުނެވެ. އަދި ކްލަބް ލެވެލްގައި އޭނާ ވަނީ ވިކްޓަރީ، ވީބީ، މާޒިޔާ، ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓް، އަދި ވެލެންސިއާގެ ޖާޒީ ރަމްޒުކޮށްދީފައެވެ. 

ކުޅުން ހުއްޓާލިކަން އިޢުލާންކުރިއިރު އުމެއިރު ހުރީ، އޭނާގެ ކެރިއަރު ފެށި ވިކްޓްރީގެ ކުޅުންތެރިއަކަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން