ކުޅިވަރު
ދެ އަހަރެއްހާ ދުވަހުން ރާއްޖޭގެ ފުޓުބޯޅަ ސިސްޓަމް ހަމައަކަށް އެޅުވޭނެ: ޠާރިޤު

އެފްއޭއެމްގެ ރައީސްގެ މަޤާމަށް އިންތިހާބުކުރި އަޙްމަދު ޠާރިޤު، ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭ ގޮތަށް، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުޓުބޯޅަ ސިސްޓަމް ހަމައަކަށް އެޅުވޭނެކަމަށް އުއްމީދުކުރައްވާކަމަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަޤާމަށް އިއްޔެ އިންތިހާބުކުރި އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
މިކަމަށް އަލިއަޅުވާލައްވައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޠާރިޤު ވިދާޅުވީ، މީގެ ކުރިންވެސް ކުޅިވަރުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާޙު ފާސްކޮށްފައި އޮތީ ލާމަރުކަޒީކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހިންގާގޮތަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެފްއޭއެމްގެ ހިންގާ ޤަވާއިދު އިސްލާޙު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އޭރު އެކަން ކާމިޔާބު ނުވީކަމަށް ޠާރިޤު ވިދާޅުވިއެވެ.
އޭރު އެ އިސްލާހު ފާސްނުވެ އޮތީ. އެހެންނަމަވެސް މިހާރު އެ ބާރުތައް ދޭން އަލަށް އިންތިހާބުވި އެކްސްކޯއަށް ޓްރާންސްސިޝަނަލް މާއްދާތަކުން އޮތީ މަޖުބޫރުކޮށްފަ. އަޅުގަނޑުމެންގެ ވިސްނުން އޮތީ ހަތަރު ސަރަޙައްދަކަށް ބަހާލަން.
ޠާރިޤު ވިދާޅުވިއެވެ.
ސަރަޙައްދުތައް ބަހާލުމަށް ރާވާފައިވާ ގޮތް އިތުރަށް ތަފްސީލުކޮށްދެއްވަމުން ޠާރިޤު ވިދާޅުވީ، އެއް ޒޯނަކީ ހއ ން ފެށިގެން ޅ އަތޮޅާއި ހަމައަށް އޮތް ހަތް އަތޮޅުކަމަށެވެ. އަދި މާލެ އަތޮޅުން ފެށިގެން ދ އަތޮޅަށް އިތުރު ޒޯނެއް ހެދުމަށް ވިސްނާއިރު، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދޭތެރޭ އޮތް ހަ އަތޮޅަކީ ވެސް ވަކިކުރަން ވިސްނާ އެއް ޒޯންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަޙައްދަކީ ވެސް ވަކި ޒޯނެއްކަމަށް ކަނޑައެޅުމަށް ވިސްނާފައިވާކަމަށް ޠާރިޤު ވިދާޅުވިއެވެ.
މީގެއިތުރުން ޠާރިޤު ވިދާޅުވީ ކޮންމެ ރީޖަނެއްގައި ދެވަނަ ލީގެއް އޮންނާނެކަމަށާއި، ފީފާ އާއި އޭއެފްސީގެ އަސާސީ ޤަވާއިދުގައި ވާގޮތަށް ދެން ރާއްޖޭގައި ވެސް އެންމެ މަތީ ލީގުގެ އިތުރުން އަތޮޅުތަކުގައި ސެކަންޑް ލީގުގެ ނަމުގައި ލީގެއް އޮންނާނެއެވެ.
އެގޮތުން އެންމެ މަތީ ލީގަކީ ދިވެހި ޕްރިމިއަރ ލީގުގެ ގޮތުގައި އޮންނައިރު، ހަތަރު ޒޯންގައި ދެވަނަ ލީގު ކުޅޭނެ ކަމަށާއި އަދި އެ ލީގުތައް ކާމިޔާބުކުރާ ޓީމުތަކަށް ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނެކަމަށް ޠާރިޤު ހާމަކުރިއެވެ. އަދި ފުރަތަމަ ސީޒަންގައި ވެސް 3 ޒޯނަކަށް ފުރުސަތު ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
މިކަންކަން ކުރިޔަށް ދާނެ ގޮތްތައް ފައިނަލްކޮށް، އެފްއޭއެމްގެ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުން އެ މަސައްކަތް ނިންމާލެވޭނެކަމަށް ޠާރިޤު ވިދާޅުވިއެވެ.