ޚަބަރު
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ، ޚާރިޖީ ވަޒީރު ޚަލީލް އަދި މާލީ ވަޒީރު ޒަމީރް. ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދައުލަތުގެ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވުމަށްފަހު، މާލޭގައި ރަސްމީ ޕެރޭޑެއް ބޭއްވުނެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ރައީސް ޑރ. މުޢިއްޒާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވި، އެމް.އޯ.ޔޫތަކާއި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ.
މި ދަތުރުފުޅުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ވަރޗުއަލްކޮށް އިފްތިތާހުކުރެއްވުމާއި، ސުލްޓަން ޕާކުގައި ގަސްއިންދުމުގެ ރަމްޒީ ރަސްމިއްޔާތެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން، ބޮޑުވަޒީރު މޯދީ ދެ އާރޯގްޔަ މައިތްރީ ހެލްތު ކިއުބް ރާއްޖެއަށް ހަދިޔާކުރެއްވިއެވެ.
އެމް.އެން.ޑީ.އެފްގެ އައު މައި މަރުކަޒު ކަމުގައިވާ ދޮށިމޭނާ ޢިމާރާތް ހުޅުވައިދެއްވުމާއި، ރައީސް ޑރ. މުޢިއްޒާއި އަނބިކަނބަލުން ސަޖިދާ މުޙައްމަދު އިސްވެ ހުންނަވައިގެން ބޮޑުވަޒީރު މޯދީގެ ޝަރަފުގައި ބޭއްވެވި ރަސްމީ ފަރިއްކޮޅު ވެސް މި ދަތުރުފުޅުގެ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވިއެވެ. އަދި ވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ މިނިވަންކަމުގެ 60 އަހަރީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހާއްސަ ސިފައިންގެ ޕެރޭޑް ބައްލަވާލެއްވުމަށް ރައީސް ޑރ. މުޢިއްޒާއި އަނބިކަނބަލުންނާއެކު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ބޮޑުވަޒީރު މޯދީ އެމަނިކުފާނުގެ ތިންވަނަ ދައުރުގައި ރާއްޖެއަށް ކުރެއްވި ފުރަތަމަ ދައުލަތުގެ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ދިމާވެފައިވަނީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި 60 އަހަރު ފުރުމާ ދިމާކޮށެވެ.