ޚަބަރު
އައްޑޫ ސިޓީ މަގު ހެދުމުގެ މަސައްކަތާއި އިތުރު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކޮށްފި

ރައީސް މުޢިއްޒު އަދި ބޮޑުވަޒީރު މޯދީ ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢު ހިމެނޭހެން އިތުރު މަޝްރޫޢުތަކެއްގެ ނިމުން މިއަދު ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައި ވާޗުއަލްކޮށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިޔަ އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭހެން 40 ކިލޯމީޓަރުގެ މަގު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުގައި، އައްޑޫ ސިޓީގެ 6 އަވަށް އެކުލެވޭގޮތަށް ޑްރެއިނޭޖް ސިސްޓަމެއް ވަނީ ޤާއިމްކޮށްފައެވެ. އަދި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި 3.4 ކިލޯމީޓަރުގެ މަގު އަލުން ރިސަރފެސްކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން، މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ބޭނުންވާ މަގުބައްތިތަކާއި ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ސަވައިލަންސް ކެމެރާތައް މަގުގެ އެކި ސަރަޙައްދުތަކުގައި ވަނީ ހަރުކޮށްފައެވެ.
މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ހިތަދޫ ގައުކެނޑެ ސަރަޙައްދުން ފެށިގެން މަރަދޫއަށް ހަންކެނޑެ ހުރަސްކޮށް 4 ލޭންގެ މައްޗަށް އެކުލެވޭ 1.463 ކިލޯމީޓަރުގެ އައު މަގެއް ހެދުމެވެ. މި މަގު މިހާރު ވަނީ ޓްރެފިކަށް ހުޅުވާލާފައެވެ.
މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ހިތަދޫގައި ތަރައްޤީކޮށްފައިވާ 2 އައުޓްޑޯ ޖިމާއި، ސްމޯލް ސްކޭލް ފިޝް ޕްރޮސެސިން ޕްލާންޓްގެ މަސައްކަތުގެ ނިމުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ގދ. ވާދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ގދ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ ޔޫތު ސެންޓަރު އަދި ށ. ކަނޑިތީމުގައި ތަރައްޤީކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތުގެ ނިމުންވެސް ވަނީ ފާހަގަކޮށްފައެވެ.