ޚަބަރު
މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުމަށް އައު ބާބެއް

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުން---
މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވިޔަފާރީގެ ގުޅުމަށް އިޤްތިޞާދީ ތަރައްޤީގެ އައު ބާބެއް ގެނެސްދީ، އިންވެސްޓްމެންޓް ފުރުސަތުތައް އިތުރުކޮށްދޭނެ ވަސީލަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިކަން ހާމަކުރެއްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ނެރުނު ބަޔާނެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސަޢީދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރުއެވެ.
މި އެއްބަސްވުމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޤްޞަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ޤާއިމުކުރުން ކަމަށެވެ. އަދި މި ވިޔަފާރީގެ ގުޅުންތަކާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށާއި، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށާއި، މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިޤްތިޞާދީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއީ ދެމެހެއްޓެނިވި ކުރިއެރުމަށާއި، މާކެޓަށް ވަނުމުގެ ފުރުޞަތުތައް އިތުރުކުރެވި، ދެ ޤައުމަށްވެސް ދާއިމީ ކުރިއެރުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށެވެ.