ޚަބަރު
އިންޑިއާއާއެކު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިޤްތިޞާދު ހަރުދަނާވެގެން ދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓެއްވެސް ހިމެނެއެވެ.
ދެ ޤައުމުގެ ވެރިން ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ލައިން އޮފް ކްރެޑިޓް އެގްރީމަންޓްގެ ދަށުން ލިބޭ ފައިސާ ބޭނުންކުރެވޭނީ ދިފާއީ، ކުޅިވަރު، ސިއްޙީ، ތަޢުލީމީ އަދި ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫޢުތަކަށް ކަމަށެވެ.
މި އަހަރު އަޅުގަނޑުމެން މި ފާހަގަކުރަމުންދަނީ އިންޑިއާއާއި ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން. ޕްރައިމް މިނިސްޓަރ މޯދީއާއެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައި. މި މަޝްވަރާތަކުގައި ދެޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީއަށް އަލިއަޅުވާލެވުނު،
ރައީސުލްޖުމްހޫރިއްޔަ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި އިމާރާތްކުރާ ބްރިޖްގެ މަޝްރޫޢު ނިމުން ވެގެންދާނީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ހެއްކަކަށެވެ. އަދި ރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އިންޑިއާއިން އަބަދުވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުން ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ގޮސްފައިވާކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.