ޚަބަރު
ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު: ބޮޑުވަޒީރު މޯދީ

އިންްޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް ޑރ މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު ކަމަށާއި، ދިވެހިރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، "އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް" ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން މިއަދު ހަގީގަތަކަށް ވެގެންދިއުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށް ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އާއި ދިވެހީންގެ ތަރައްޤީއާ ކުރިއެރުމަށް އެކި ދާއިރާތަކުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ޤައުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައަށް ޚާއްސަ އިސްކަމެއް ދެއްވައި އެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ރާއްޖެއާ ޙިއްސާ ކުރައްވާނެކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މި އަހަރަށް 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއްކަމަށް ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ "ނެއިބަރހުޑް ފަރސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމު ހިއްސާއެއްކަން ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ.