ޚަބަރު
މިނިވަންދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓު ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމިގްރޭޝަނުން ޕޯސްޕޯޓު ދޫކުރަނީ---
މިނިވަންދުވަސް އަދި އެ މުނާސަބާއާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި ވެސް މާލޭ ސަރަޙައްދުގެ އޮފީސްތަކުން ޕާސްޕޯޓު ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އެ އިދާރާއިން މިއަދު އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިނިވަންދުވަހާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ކަމުގައިވާ، ޖުލައި 26، 27 އަދި 28ގައި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް 24 ގަޑިއިރު އިމުގާ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.
އަދި ޖުލައި 26 ވަނަ ދުވަހު ޕާސްޕޯޓު ދޫކުރާނެކަމަށް ހާމަކޮށްފައިވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. މީގެ އިތުރުން ޖުލައި 27 އަދި 28 ގައި ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:30 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.
މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. pic.twitter.com/gfCag82bB2
— Maldives Immigration (@ImmigrationMV) July 24, 2025
ޕާސްޕޯޓު ދޫކުރާނީ ކިއު ނަންބަރު ތަރުތީބުންނެވެ. އެގޮތުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށާއި، އިމިގްރޭޝަނަށް ހާޒިރުވުމުން ވެސް ޓޯކަން ނަންބަރު ދޫކުރާނެކަމަށް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.
ޕާސްޕޯޓު ދޫކުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި، އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނާއި، އެމަރޖެންސީ ހާލްތަކުގައި ޕާސްޕޯޓަށް ހުށަހަޅާ ފަރާތްތަކަށް، އިމިގްރޭޝަނަށް ވަޑައިގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މި ދުވަސްތަކުގައި ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި މާލޭ ސަރަޙައްދުގެ އޮފީސްތަކުންކަމަށެވެ.