ކުޅިވަރު
ލިވަޕޫލަށް ފްރާންސްގެ އުއްމީދީ ފޯވާޑެއް ގެނަސްފި

ފްރޭންކްފާރޓަށް ގޯލެއް ކާމިޔާބުކޮށްދިނުމަށްފަހު އެކިޓިކޭ އުފާފާޅުކުރަނީ---
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް ފުޓުބޯޅަ ކްލަބަށް ފްރާންސްގެ އުއްމީދީ ފޯވާޑު، ހޫގޯ އެކިޓިކޭ ގެނަސްފިއެވެ. މިއީ "ސަމާރ ޓްރާންސްފާރ ވިންޑޯ"ގައި އެ ޓީމުން ސޮއި ހޯދި ހަތަރުވަނަ ކުޅުންތެރިޔާ، އަދި ފުރަތަމަ ފޯވާޑު ވެސް މެއެވެ.
ޖަރުމަނުގެ ފްރޭންކްފާރޓަށް ކުޅެމުންދިޔަ އުމުރުން 23 އަހަރުގެ އެކިޓިކޭ މިހާރު ވަނީ މެޑިކަލް ހެދުމަށްފަހު، ކްލަބާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި އޭނާ މިހާރު އަންނަނީ އޭޝިއާ ޓުއާރގައި އުޅޭ ލިވަޕޫލްގެ ސްކޮޑާ ގުޅުމަށް ހޮންގްކޮންގްއަށް ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން، ލިވަޕޫލުން އޭނާ ގަތީ 69 މިލިއަން ޕައުންޑުގެ އަގަކަށެވެ. އަދި އިތުރު 10 މިލިއަން ޕައުންޑު މިކަމަށް ލިވަޕޫލުން ހޭދަކުރާނެކަމަށް ވެއެވެ. މި މުޢާމަލާތާއެކު، މި "ޓްރާންސްފާރ ވިންޑޯ"ގައި ލިވަޕޫލުން ވަނީ ކުޅުންތެރިން ގަތުމަށް 300 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއް ހޭދަކޮށްފައެވެ.
Get to know Hugo Ekitike 🙌
— Liverpool FC (@LFC) July 23, 2025
Hugo is set to fly out to Hong Kong to meet with his new teammates and supporters will be able to see more content, including a first interview, on https://t.co/MbnHVeSdQh and our social media channels soon… 👀
އެކިޓިކޭ ވަނީ ފްރޭންފާރޓްގައި ދޮޅު އަހަރު ހޭދަކޮށްފައެވެ. އޭނާ ފުރަތަމަ އެ ކްލަބަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)އިންނެވެ. އަދި މިދިޔަ ސީޒަން ފެށުނުއިރު، އޭނާގެ އެއްބަސްވުން ފްރޭންކްފާރޓްއިން ދާއިމީ ކުރިއެވެ.
ފްރޭންކްފާރޓަށް 64 މެޗު ކުޅެދީފައިވާއިރު، އެކިޓިކޭ ވަނީ އެ ޓީމަށް 26 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން، މިދިޔަ ސީޒަންގައި "ބުންޑަސް ލީގާ ޓީމް އޮފް ދަ ސީޒަން 2024-25" ގައި ވެސް އޭނާ ހިމެނެއެވެ.
އެކިޓިކޭއަކީ މި "ޓްރާންސްފާރ ވިންޑޯ"ގައި ލިވަޕޫލަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. އެންމެ ފުރަތަމަ އެ ޓީމަށް ގެނައީ ޖަރުމަނުގެ މިޑްފިލްޑާރ ފްލޯރިއަން ވާރޓްޒްއެވެ. އެއަށްފަހު ވާރޓްޒްއާއެކު ބެޔާ ލެވަކޫސަންއަށް ކުޅެމުންދިޔަ ޖެރެމީ ފްރިންޕޮންގް ވެސް ގެނައެވެ. އޭގެ ފަހުން ސްޕެއިންގެ ވެލެންސިއާއަށް ކުޅެމުންދިޔަ ޖޯޖިއާގެ ގޯލްކީޕަރު، ޖޯޖީ މަމަޑަޝްވިލީ ވެސް ލިވަޕޫލަށް ގެނަސްފައިވެއެވެ.
ލިވަޕޫލުން އަންނަނީ މިއަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކޮށް އިތުރު ތަށިތަކެއް ހޯދުމަށް ތައްޔާރުވަމުންނެވެ.