ކުޅިވަރު
ކާވާ ޗެމްޕިއަންސް ލީގު: ލަންކާ ބަލިކުރުމަށްފަހު ނޭޕާލް ޓީމުން ބްރޯންޒް ހޯދައިފި

މުބާރާތުގެ ލޯ މެޑަލްއާއެކު ނޭޕާލް ޓީމު ފޮޓޯއަކަށް ހުއްޓި، ފޮޓޯ: ޕީއެސްއެމް

ފަރުދުން
24 ޖުލައި 2025، 08:04
24 ޖުލައި 2025، 08:04
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގުގެ ތިންވަނަ ހޮވި މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ލަންކާ ޕޯޓްސް އޮތޯރިޓީ ބަލިކޮށް ލޯ މެޑަލް ހޯދައިފިއެވެ.
މާލޭގެ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ނޭޕާލް ޓީމުންނެވެ. އެއީ 25-20 އަދި 25-15 ޕޮއިންޓުންނެވެ. އަދި ތިންވަނަ ސެޓު 25-20 ޕޮއިންޓުން ގެންދިޔައީ ލަންކާ ޓީމެވެ. ނަމަވެސް ހަތަރުވަނަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ ނޭޕާލް ޓީމެވެ.
މި މުބާރާތުގައި ނޭޕާލު ކުޅުނު ލީގުބުރުގެ ފަހު މެޗުގައިވެސް ވަނީ ލަންކާ ބަލިކޮށްފައެވެ.
ނޭޕާލްގެ ކޯޗު ބުނީ މުބާރާތަށް ނިކުތީ ފައިނަލްގެ ޖާގައަކަށް އުންމީދު ކޮށްގެން ކަމަށާއި އެހެންނަމަވެސް ތިން ވަނައިގައި މުބާރާތް ނިންމާލަން ޖެހުނީ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މުބާރާތުގެ ތަޖްރިބާއިން ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.