ޚަބަރު
ގްރީން ޒޯން ސަރަޙައްދުން ހަވީރު 6ގެ ކުރިން ވެހިކަލްތައް ނެގުމަށް ފުލުހުން އަންގައިފި

ވެހިކަލްތައް ނެގުމަށް އަންގާފައިވާ ސަރަޙައްދު---
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ގްރީން ޒޯން ހިމެނޭ ސަރަޙައްދުގައި ޕާކުކޮށްފައިހުރި ވެހިކަލްތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
ވެހިކަލް ނެގުމަށް އަންގާފައިވާ ސަރަޙައްދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއިން ފެށިގެން ލޯކަލް މަރުކޭޓާ ހިސާބަށް ހިމެނެއެވެ. އަދި އަމީރު އަޙުމަދު މަގާއި، މެދުޒިޔާރަތް މަގާއި، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތައްވެސް ހިމެނެއެވެ. މީގެއިތުރުން ޗާންދަނީ މަގާއި ލިލީ މަގުން ބައެއްވެސް ވަނީ ހިމަނާފައެވެ.
ވެހިކަލްތައް ނަގަންޖެހޭ ސަރަޙައްދުތައް އަންގައިދިނުމުގެ ގޮތުން ފުލުހުން ވަނީ އެ މަގުތައް ފާހަގަވާ ޗާޓެއް ވެސް އާންމުކޮށްފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން.
— Maldives Police (@PoliceMv) July 24, 2025
1/3 pic.twitter.com/r9L2MSlfMJ
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ހަވީރު 6 ޖަހާއިރު އެ ސަރަޙައްދުން ނުނަގާ ހުރި ވެހިކަލްތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުންދާނެއެވެ.
އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ވާހަކަ ދަންނަވަން.
ފުލުހުންގެ މެސެޖުގައި ވެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި މަގުތަކުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ހިންގާ ގިނަ ހަރަކާތްތައްވެސް ހިމެނެއެވެ.