ޚަބަރު
އަންނަ ޖެނުއަރީ މަހު ވެލިދޫއަށް ސީޕްލޭން އޮޕަރޭޝަން ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެލިދޫއަށް ޙާއްސަ ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ދާއިމީ ދަތުރުތައް ފައްޓަވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވެލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަންނަ އަހަރުގެ ކުރީކޮޅު ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފަޅުގައި އެއާރޕޯޓެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި އެ އެއާރޕޯޓު ޤާއިމްކުރެވެންދެން ވެސް، ވެލިދޫއަށް ޙާއްސަކޮށް ސީޕްލޭން ޕްލެޓްފޯމެއް މިއަންނަ އަހަރު ޖެނުއަރީ މަހު ޤާއިމްކޮށް، ދާއިމީކޮށް ދަތުރުތައް ފައްޓަވާނެކަމަށެވެ.
އެ އެއާރޕޯޓު ޤާއިމްކުރެވެންދެން ވެސް، އަދި ފަހުން ވެސް ބޭނުންވަންޔާ ބޭނުންކުރުމަށްޓަކާ އަޅުގަނޑުމެން މި ރަށަށް ޙާއްސަކޮށްގެން ސީޕްލޭން ޕްލެޓްފޯމެއް މި އަންނަ އަހަރު ޖެނުއަރީ މަހު ޤާއިމްކޮށްދީ، ރެގިއުލާރ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ވިހަފަރު އެއާރޕޯޓަކީ ވެލިދޫ އާއި އެ ސަރަޙައްދުގެ ގިނަ ރައްޔިތަކު ދެކެމުން އަންނަ ހުވަފެނެއްކަމުން، މި ހުވަފެން ހަޤީޤަތަށް ހެދުން ވެގެންދާނީ، އެ ފަރާތްތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ. އަދި މިއީ ވެލިދޫ އާއި އެ އަތޮޅަށް ވެސް އެކި ގޮތްގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ވެލިދޫގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގައި މިހާރު ކުރިޔަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ވެސް ވަނީ ޙިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވެލިދޫއަށް ވަޑައިގެންނެވުމުން އެ ރަށު ބަނދަރާ ގުޅޭ ޕެޓިޝަނެއް ވެސް އެ މަނިކުފާނަށް ވަނީ އަރުވާފައެވެ. 500 މީހުންގެ ސޮޔާއެކު ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ އެ ރަށުގެ ބަނދަރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދިފައެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ބަދަލާއެކު ބަނދަރަށް ގެންނަންޖެހޭ ބަދަލުތައް ގެނަސް، ބަނދަރުގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެކަމަށެވެ. އަދި ބަޖެޓު ހަމަޖެއްސިއްޖެނަމަ މި މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭތޯ ބައްލަވާނެކަމަށާއި، ނޫންނަމަ މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ވެސް ދާދި އަވަހަށް މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރު ކުޅެން އެކަށޭނަ ތަންތަން ނެތްކަމުން، މި އަހަރު ފުޓްސަލް ދަނޑަކާއި، ކުޅިވަރުތައް ކުޅޭނެ މަލްޓިޕާޕަސް ހޯލެއްގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި އަންނަ އަހަރު ފަށާ އެއް ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ވެލިދޫގައި ވެސް ހައުސިން މަޝްރޫޢު ކުރިޔަށް ގެންދަވާނެކަމަށެވެ.