ޚަބަރު
ވެލިދޫގައި ހަތަރު މަޝްރޫޢެއްގެ ބިންގާ އަޅައިފި

ވެލިދޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހު ރަށަކަށް އެ އަތޮޅު ވެލިދޫއަށް ވަޑައިގެން އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި 4 މަޝްރޫޢެއްގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
ވެލިދޫގައި އެންމެ ފުރަތަމަ ފައްޓަވާދެއްވީ އޮޑިދޯނިފަހަރު އެހެލާ ބޭލުމަށާއި ފައިބަރު މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތެވެ. މި މަސައްކަތް ޢަމަލީގޮތުން އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ދަށުން 2.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ވެލިދޫގެ އޮޑިދޯނިފަހަރު އެހެލާ ބޭލުމަށާއި ފައިބަރު މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތް ފެއްޓެވުން---
މިއަދު ވެލިދޫގައި ދެން ކުރިޔަށް ދިޔައީ އެ ރަށުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން، އެ މަރުކަޒުގެ ބިންގާ އެޅުމުގެ މަސައްކަތެވެ. މި ރަސްމިއްޔާތުގައި ވެލިދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙުސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުޙައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނ. ވެލިދޫގައި މުޅިން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލްގެ ބިންގާ ވެސް މިއަދު އަޅާފައިވެއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ޒުޙައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފްއެވެ.
ވެލިދޫގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތަކީ، އާބާދީ ބޮޑެތި ރަށްތަކުގައި، ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫގައި ހިމަނައިގެން ފަށާ މަސައްކަތެކެވެ. މިކަމުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކުރީ މި އަހަރުގެ މަރޗްމަހުގެ 29ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 540 ދުވަހުން ނިންމާގޮތަށް، 108 މިލިއަން ރުފިޔާއަށެވެ.

ވެލިދޫގައި އަޅާ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުން---
މީގެ އިތުރުން ނ. ވެލިދޫގައި އަޅާ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު އަޅާފައިވެއެވެ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު ޢަލީ އިޙުސާނާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުޙައިރު އަދި ކައުންސިލްގެ ރައީސެވެ. މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާ އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެވެ.