ޚަބަރު
ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއެކު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
23 ޖުލައި 2025، 08:15
23 ޖުލައި 2025، 08:15
ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2040ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނީ ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.
2040 ވަނަ އަހަރުގެ އަމާޒަށް ވާސިލްވުމަށް ދިވެހިރާއްޖޭގައި ހަމަޖެހުން އޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ސިޔާސީ ބަދަލުހިފުމުގެ ރޫޙު މިއަދު ދިވެހި ޤައުމުން ނައްތާލެވިފައިވާކަމަށެވެ. އެގޮތުން، އެ މަނިކުފާނުގެ ޒަޢާމަތުގައި ހޭދަވެފައިމިވާ ދޮޅު އަހަރަށް ބަލާލާއިރު، ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާނޭ ކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި މީހެއްގެ ސިޔާސީ ވިސްނުންހުރި ގޮތަކުން އެ މީހަކު ބޭކާރު ނުކުރާނެ ކަމަށާއި، ކޮންމެ ދިވެހި ރައްޔިތަކީ ވެސް މުހިންމު މީހެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ފިކުރަށްވުރެ ރައީސުލްޖުމްހޫރިއްޔާއަށް މުހިންމީ އެ ބޭފުޅެއްގެ ބަހާއި ޢަމަލާއި ވިސްނުންކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި، އަދި އެ މަގުން ޤައުމު ކުރިޔަށް ގެންދަވާނީ އިޤްތިޞާދީ ގޮތުން ޤައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ޤައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސިޔާސަތުން، ދިވެހިރާއްޖޭގެ ފަޚުރާއި، މިނިވަންކަމާއި، މުސްތަޤިއްލުކަން ދަމަހައްޓައި، އަމިއްލަވަންތަކަމާއެކު ފަރުދީ އަދި ޖަމާޢީ ތަރައްޤީ ގެނެސްދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޢުމްރާނީ ތަރައްޤީގެ އިތުރުން، ވިސްނުމާއި އުޅުންތަކާއި ގުޅުންތަކަށް އަންނަންޖެހޭ ތަރައްޤީ ގެނައުމަށް ދެއްވާ އިސްކަމުގެ މައްޗަށްވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ތަރައްޤީ ގެނައުމަށް، ސަރުކާރުން ފަޚުރުވެރިކަމާއެކު ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތްތަކުގެ ފޮނިމީރުކަން އިހުސާސްކުރެވެމުންދާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.