Ads by Stelco

ޚަބަރު

ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ މަޝްރޫޢުތަކެއް ބާރު ސްޕީޑުގައި ކުރިޔަށްދާނެ: ރައީސް

ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ މަޝްރޫޢުތަކެއް ބާރު ސްޕީޑުގައި ކުރިޔަށްދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޖުލައި 2025، 07:30

23 ޖުލައި 2025، 07:30

ކުރިޔަށް އޮތް ދުވަސްތަކުގައި ފެންނާނީ ގިނަ މަޝްރޫޢުތަކެއް ބާރު ސްޕީޑުގައި ކުރިޔަށްދާތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. ރައީސް ވިދާޅުވީ، ރިޔާސީ ކެންޕެއިންގައި އެ މަނިކުފާނު ހޮޅުދޫއަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ މަތިން ހަނދާން ނުނެތޭ ކަމަށާއި، އެ ވަޢުދުތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. 

މީގެއިތުރުން ރައްޔިތުންނާ ގުޅޭ ކަންކަން ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި، ހޮޅުދޫ ކައިރީގައި އޮތް ހޮޅުމީދޫ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ހޮޅުދޫގެ ބައެއްގެ ގޮތުގައި އެ ރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އެގޮތުން ހޮޅުމީދޫގައި މީހުން އާބާދުކުރުމަށް އެ ރަށުގައި އުމްރާނީ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށާއި، އެ ރަށަށް ބޭނުންވާ ފެނާއި ނަރުދަމާއާ އެނޫންވެސް ވަސީލަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އަލަށް ފަށާ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ހޮޅުދޫގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގައި ދިމާވެފައިވާ ދަތިތައް ހަލުކޮށްފައިވާކަމަށާއި، އެހެންކަމުން ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމުމަށް ކޮންޓްރެކްޓަރަށް ބާރުއަޅުއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މަގުހެދުންވެސް ބާރަށް ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ އެދުމުގެ މަތިން މަގު ހެދުމުގެ ސްކޯޕަށް، އެ ރަށް ވަށައިގެން ރިންގު ރޯޑެއް ހެދުން ހިމަނުއްވާނެކަމަށް ވެސް ވިދާޅުވިއެވެ. 

އަދި އެ ރަށު ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް، ހިއްކެން އޮތް އެންމެ ބޮޑު ޖާގައެއް ހިއްކައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އެކަމަށް ފަންނީ މަސައްކަތްތައް ހުރުމާއެކު އެކަން ނިންމައި މި އަހަރު ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ރަށުގައި ތަޢުލީމީ ގޮތުން ހުރި ދަތިތައް ޙައްލުކުރެއްވުމަށް މޭނާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ދެތިން މަސްދުވަސް ތެރޭގައި ފައްޓަވާނެކަމުގައި ވިދާޅުވިއެވެ. 

އަދި ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާނެކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށާއި، އެ މަސައްކަތްވެސް މިއަހަރު ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހޮޅުދޫގައި އަންނަ އަހަރު އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ފުލުހުންގެ އައު ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައްވެސް ހޮޅުދޫގައި ޤާއިމްކޮށްދެއްވާނެކަމަށެވެ. އޭގެތެރޭގައި ފުޓްސަލް އަދި ހޭންޑްބޯލް ކޯޓު ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ދެއްވި ޔަޤީންކަމަކީ ހޮޅުދޫގެ ރައްޔިތުން އެދޭގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން