ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ހޮޅުދޫ ކައުންސިލް އިދާރާގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ހޮޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވި މި ފުރުސަތުގައި ކައުންސިލް އިދާރާގެ ފަރާތުން ވަނީ އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ގިނަ ކަންތައްތަކެއް އެ މަނިކުފާނާ ޙިއްސާކުރައްވާފައެވެ.
ހޮޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތައް:
- ފެނުގެ މަޝްރޫޢު ލަސްވެގެންދާ މައްސަލަ ހައްލުކުރުން.
- ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން.
- މޭނާ ސްކޫލް އެއް ކެމްޕަސްއަކަށް ބަދަލުކުރުން.
- ހޮޅުދޫ ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުން.
- ކުނި މެނޭޖްކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުން.
- ހޮޅުދޫގައި މިހާރު ތަރައްޤީކުރެވެމުންދާ ބަނދަރާއި ފަޅުގެ ޖާގަ އިތުރުކުރުން.
- ޒަމާނީ އިސްލާމީ މަރުކަޒެއް ނުވަތަ މިސްކިތެއް ބިނާކުރުން.
ހޮޅުދޫ ކައުންސިލްގެ މި ހުށަހެޅުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.