ޚަބަރު
މާލެއިން ގެއްލުނު ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި އެމްއެންޑީއެފްއިން ފަށައިފި

ގ. ގަރނެޓް، އުމުރުން 30 އަހަރުގެ ޙަސަން ޔާމީން---
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޢާއިލާއަށް އެއްވެސް ޚަބަރެއް ނުވެގެން ހޯދަމުންދާ، ގ. ގަރނެޓް، އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ޔާމީން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔައިރުކަމަށް ޢައިލާއާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
އޭނާ ހޯދުމުގެ ގޮތުން ފުލުހުން ވަނީ ގިނަ ސީސީޓީވީ ފޫޓޭޖުތަކެއް ދިރާސާކޮށްފައެވެ. އެގޮތުން، ފުލުހުން ބެލިބެލުމުން މި މަހުގެ 13 ވަނަ ދުވަހު ފަތިހު 3:24 ހާއިރު، އޭނާ ސިނަމާލެ ބްރިޖު މަތިން ފެނިފައިވެއެވެ. އަދި އޭނާ ފުންމާލާ މަންޒަފު ސީސީޓީވީ ފުޓޭޖުން ފެނުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ސައްޙަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތު ފެތުރުމުން އެއްކިބާވުމަށް މީޑިއާތަކާއި އާންމުންގެ ކިބައިން ފުލުހުން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ޢާޢިލާއަށް އިޙްތިރާމްކުރުމުގެ ގޮތުންނާއި މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން އެދެނީ އެ ބޭފުޅުންގެ މަޢުލޫމާތަށް ބަރޯސާވުމަށެވެ.