ޚަބަރު
ހޮޅުދޫއިން ޒަކިއްޔާގެ ޢާއިލާއާ ބައްދަލުކުރައްވައި އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ޒަކިއްޔާގެ ޢާއިލާގެ ބައެއް މީހުންނާއި ރަށުގެ ބައެއް މީހުންނާ ރައީސް ބައްދަލުކުރައްވަނީ---
މީގެ 10 މަސް ކުރިން، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ހޮޅުދޫއަށް ވަޑައިގެން ޒަކިއްޔާގެ ޢާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ޒަކިއްޔާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ހޮޅުދޫއަށް ވަޑައިގެންނެވިއިރު، ޒަކިއްޔާގެ ޢާއިލާގެ ބައެއް މީހުންނާއި ރަށުގެ ބައެއް މީހުން ތިބީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލުމުގެ ގޮތުން، މެސެޖުތަކެއް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މި މަންޒަރު ފެނިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެ ފަރާތްތަކާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޝަކުވާތައް އަޑުއެއްސެވިއެވެ.
މި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރީ، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަޚަމްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަރުގެ ވާތްފަރާތުގައި ފުންކޮށް ތިން ޒަޚަމެއް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމެއް ހުރިކަމަށް ވެއެވެ. އަދި ކަރުގެ މެދުގައި ތިލަކޮށް ހުރި ޒަޚަމުގެ އިތުރުން، އިތުރު އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ވަނީ ހާމަކޮށްފައެވެ.
މިހާގިނަ ޒަޚަމްތަކެއް ހުރި ނަމަވެސް، އެއީ މީހަކު ދިން އަނިޔާތަކެއްކަން ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
ނަމަވެސް އޭނާގެ ޢާއިލާއިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ މީހުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިހުސާނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވެސް ވަނީ މީގެ ކުރިން އެ ރަށަށް ވަޑައިގެންފައެވެ.