ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ސިފައިން ބަލިކޮށް ބިޝްކެކުން ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ކާވާ ޗެމްޕިއަންސް ލީގު: ސިފައިން ބަލިކޮށް ބިޝްކެކުން ފައިނަލުގެ އުއްމީދު ބޮޑުކޮށްފި

ކާވާ ޗެމްޕިއަންސް ލީގުގައި ސިފައިންނާއި ބިޝްކެކް ބައްދަލުކުރި މެޗު، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

22 ޖުލައި 2025، 07:23

22 ޖުލައި 2025، 07:23

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކްލަބް ބަލިކުރުމަށްފަހު ކިރިގިސްތާނުގެ ބިޝްކެކުން ކާމިޔާބުކޮށް ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ބިޝްކެކުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. 

މި މެޗުގެ ފުރަތަމަ ދެ ސެޓު ބިޝްކެކުން ކާމިޔާބުކުރީ 25-23 އަދި 25-16 ޕޮއިންޓުންނެވެ. އަދި ތިން ވަނަ ސެޓުގައި މެޗުގެ އޮއިވަރު އަނބުރާލުމަށް ސިފައިންގެ ކްލަބުން ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނުނެވެ. އެހެންކަމުން އެ ސެޓު ފެނިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ނަމަވެސް އެ ސެޓު 27-25 ޕޮއިންޓުން ގެއްލި، ސިފައިންގެ ކްލަބަށް ނާކާމިޔާބުވީއެވެ.

ލީގުބުރުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ބިޝްކެކް އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މި މެޗުން ބަލިވި ދިވެހި ސިފައިންގެ ކުލަބަށް ޖެހޭނީ ރޭންކިންގ މެޗު ކުޅޭށެވެ. ލީގު ބުރުގެ ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކްއާ ދެކޮޅަށެވެ.

ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މި މަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މި މުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިއީ މި މުބާރާތް ބާއްވާ ފުރަތަމަ އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން