ޚަބަރު
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ ޑޮލަރު އިތުރުކޮށްދެނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: އަވަސް
އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ބޭންކުތަކުން އިތުރު 500 ޑޮލަރާ ހަމައަށް ލިބޭގޮތަށް ހަމަޖެއްސުމަށް އަންގަވާފައިވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ބަދަލު 1 އޯގަސްޓު 2025އިން ގެނައުމަށް އަންގަވާފައިވާއިރު، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް މިހާރު ޖުމްލަ 1000 ޑޮލަރާ ހަމައަށް ލިބޭނެއެވެ.
މީގެ އިތުރުން، އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް މިހާރު ވެސް ލިބޭގޮތަށް، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެފަދަ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ…
— Dr Mohamed Muizzu (@MMuizzu) July 21, 2025
އެ މަނިކުފާނު ވިދާޅުވީ، މިއީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ކުރިން ލިބެނީ 500 ޑޮލަރާ ހަމައަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކީ ބޮޑު އަގުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ޚަރަދު ސަލާމަތްކުރެވިގެން ދާނެއެވެ.
އެންސްޕާއިން ހިއްސާކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިދިޔަ ޖޫންމަހު ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.