ޚަބަރު
އެމްއޭސީއެލްގެ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް އާ ޓާމިނަލް ދައްކާލައި، މައުލޫމާތު ދިނުމަށް ޚާއްސަ ސެޝަންއެއް ބާއްވައިފި

ވެލާނާ އެއަރޕޯޓްގެ އައު ޓަރމިނަލްގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގ އެއްގެ ތެރެއިން ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާ ޓާމިނަލްއާ ގުޅޭގޮތުން މައުލޫމާތު ދީ، އެ ޓާމިނަލް ދައްކާލުމަށް ޚާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށްދިޔަ މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ، އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާ މި ދުވަސްވަރު، އެ ޓާމިނަލްގެ އޮނިގަނޑާއި، މަސައްކަތް ކުރާނެ ގޮތްތަކާއި، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް މި މުވައްޒަފުން ތައްޔާރުކުރުމެވެ.
މި ސެޝަންގައި އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވިއެވެ. މި މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. އާ ޓާމިނަލްގެ ތެރެއިން އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަންކަމާ ގުޅޭގޮތުން އެ މުވައްޒަފުން ކުރަން ބޭނުންވި ސުވާލުތަކަށް ޖަވާބު ދިނުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސެޝަންގައި ބައިވެރިވި އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ވަނީ، ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާކުރާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. "އާ ޓާމިނަލް ވަރަށް ރީތި. އެކި ގައުމުތަކުން އާ ޓާމިނަލަށް އަންނާނެ ކަމަށް އުއްމީދު ކުރަން،" ސުޒްނާ އިތުރަށް ވިދާޅުވިއެވެ.
ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ވިދާޅުވީ، އާ ޓާމިނަލަށް ފުރަތަމަ ފަހރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގިގެން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އަޝްފާގު ފާހަގަކުރެއްވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ޚާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ސެޝަން ބޭއްވުމުގެ މަޤްޞަދަކީ، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދީ، މަސައްކަތުގެ މާހައުލުގައި އެންމެނަށްވެސް ފަސޭހަކަން ލިބިދިނުމެވެ.