ޚަބަރު
ރައީސް މުޢިއްޒު މާފަރު ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ސަރުކާރުން ޤާއިމްކުރެއްވި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ސަބަބުން މާފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމުގެ ޚިދުމަތް މިވަނީ ކަށަވަރުވެފައެވެ.
މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބް.ލިޔު.އެސް.ސީ) އިންނެވެ. މި މަޝްރޫޢަކީ، އެ ކުންފުނިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމާލި 20 ރަށުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން، މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ނަރުދަމާގެ ނިޒާމަށް ބަލާއިރު، ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓް ފޯލްއާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
މާފަރު ހިމެނޭހެން 20 ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށް ސަރުކާރުން 1.34 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާ ޚިދުމަތް ދިނުމަށެވެ. މި މަޝްރޫޢުގެ ސަބަބުން މާފަރުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ޞިއްޙީގޮތުން ރައްކާތެރި މާހައުލެއް ޤާއިމްވެގެންދާނެކަމަށް ބެލެވެއެވެ.