ޚަބަރު
އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ-ސަމިޓް ވޯކްޝޮޕްތައް ކެންބޯޑިއާގައި ފަށައިފި

އޭޝިއާ މީޑިއާ ސަމިޓްގެ ވޯކްޝޮޕްއެއް ފޮޓޯ: ޕީއެސްއެމް
ކެންބޯޑިއާގެ ސިއެމްރީޕް ސިޓީގައި ބާއްވާ، ސަރަޙައްދީ މީޑިއާތަކުގެ އެންމެ ބޮޑު ބައްދަލުވުން، އޭޝިއާ މީޑިއާ ސަމިޓްގެ 20 ވަނަ ސަމިޓް ރަސްމީކޮށް ފެށުމުގެ ކުރިން ބާއްވާ ޕްރީ ސަމިޓް ވޯރކްޝޮޕްތައް މިއަދު ފަށައިފިއެވެ. މިފަހަރުގެ ސަމިޓް ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ކެންބޯޑިއާގައެވެ.
މި ޕްރީ ސަމިޓް ވޯރކްޝޮޕްތަކަކީ މިދާއިރާގެ ފަންނީ ފަރާތްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތުބައްދަލުވުންތަކެކެވެ. ސަމިޓް ފެށުމުގެ ކުރިން މިއަދު ފެށިފައިވާ މި ވޯކްޝޮޕްތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވެނީ ކުރިމަގަށް މީޑިއާތައް ތައްޔާރުކުރުމާ ގުޅޭ މައުޟޫތަކަށެވެ. އެގޮތުން މީޑިއާގައި އަރޓިފިޝިއަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާއި ހުރި ހުރަސްތަކާއި، ޒަމާނީ ޑިޖިޓަލް ނިއުސްރޫމެއްގެ މުހިންމުކަމާއި، ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގުގެ އިތުރުން އާއްމުންނާއި ހިސާބަށް އަވަސް އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާގެ ދަޢުރު ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމަށް މިމަސަޢްކަތުބައްދަލުވުންތަކުގައި އަލިއަޅުވާލާނެއެވެ.
މިއަހަރުގެ ސަމިޓްގައި އޭޝިއާ ސަރަހައްދުގެ ޤައުމުތަކާއި އެނޫންވެސް އެހެން ޤައުމުތަކުގެ މީޑިޔާ ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ ފަރާތްތައް ހިމެނޭހެން 30އަށްވުރެ ގިނަ ޤައުމުން 300އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މި ސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނޭހެން ރާއްޖޭގައި ބްރޯޑްކާސްޓިން އަދި މީޑިއާ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުންވެސް ރާއްޖެ ތަމްސީލް ކުރާނެއެވެ.
އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީ ގެ ފްލޭގްޝިޕް އިވެންޓެއްގެ ގޮތުގައި ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ސެލިބްރޭޓިންގ ޓޫ ޑިކޭޑްސް އޮފް އެކްސެލެންސް އެންޑް ބިޔޯންޑް"އެވެ. އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. މި ސަމިޓްގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ މީޑިއާތަކާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، ތަޖުރިބާ ހިއްސާ ކުރުމާއި މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށް ޖެހޭ ބަދަލުތަކާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.