ޚަބަރު
"އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި!

"އޭޝިއާ ބަރލިން ސަމިޓު" 2024 ފޮޓޯ: އިންޓަނެޓް
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ރަނގަޅު ފުރުޞަތެއް ހުޅުވާލައިފިއެވެ. ޖަރުމަނުވިލާތުގެ ވެރިރަށް، ބަރލިންގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އޭޝިއާ ބަރލިން ސަމިޓު" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވުޒާރާއިން ވިދާޅުވީ، މި ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަން، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަނުވިލާތުގެ ސަރުކާރުން އެ ވުޒާރާއަށް އަންގަވާފައިވާކަމަށެވެ.
"ކަނެކްޓިންގ ސްޓާޓްއަޕް އީކޯސިސްޓެމްސް ފޮރ ޑައިވާސިޓީ އެންޑް އިނޮވޭޝަން" މި ޝިއާރުގެ ދަށުން ބޭއްވޭ މި ސަމިޓަކީ، ބައިނަލްއަޤްވާމީ ފެންވަރުގެ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި ފަސް ދާއިރާއަކަށް އަލިއަޅުވާލެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެއީ ސިއްޙީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީއެވެ.
އޭޝިއާ-ބަރލިން ސަމިޓަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓްއަޕް އިކޯސިސްޓަމް ދައްކާލުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މީގެ އިތުރުން އެކި ގައުމު ތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި ހަރަކާތްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވުމާއި، ކޯ ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސަރކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައި ދިނުމަށްވެސް މި ސަމިޓުގައި ފުރުސަތު ހުޅުވާލެވިފައިވާކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ސަމިޓާ ގުޅިގެން ކުރާ ދަތުރުގެ އެންމެހައި ޚަރަދުތައް ވިޔަފާރިތަކުން އަމިއްލައަށް ހަމަޖެއްސެމަކީ އެ ފަރާތްތަކުގެ ޒިންމާއެއްކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް، ބައިވެރިންނަށް އެހެނިހެން އެހީތެރިކަން، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން އިން ފޯރުކޮށްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.