ޚަބަރު
މެދުކެނޑުމަކަށްފަހު ނަފްސާނީ ޚިދުމަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށައިފި

ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިން، ފޮޓޯ: އަވަސް

ފަރުދުން
21 ޖުލައި 2025، 10:03
21 ޖުލައި 2025، 10:03
ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެދުކެނޑުމަކަށްފަހު، އެއް ދުވަސް ފަހުން ނަފްސާނީ ޚިދުމަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށައިފިއެވެ.
މި ޚިދުމަތް މެދުކެނޑިފައި ވަނީ ހޮނިހިރު ދުވަހުއެވެ. އަދި މި މައްސަލަ ދިމާވުމާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅުމަށް، ސިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓުން ވަނީ ވަގުތީ ނަންބަރެއް ތަޢާރަފްކޮށްފައެވެ.
ނަމަވެސް މައްސަލަ ޙައްލުވެފައިވުމާ ގުޅިގެން، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް ގުޅޭނެކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
📢 ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް ވަނީ އަލުން އިއާދަކުރެވިފައި!
— National Mental Health Department (@nmhdmv) July 20, 2025
ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް ގުޅުއްވާ! pic.twitter.com/96J71fLSD3
ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މިނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް ފަށާފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.