ޚަބަރު
ރައީސް މުޢިއްޒުގެ ނ. އަތޮޅު ދަތުރުފުޅު މާފަރުން ފައްޓަވައިފި: ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އިފްތިތާޙުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާފަރުގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މާފަރަށް މިއަދު ވަޑައިގެންފިއެވެ. ނ. އަތޮޅަށް އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވި ރަށަކީ މާފަރެވެ.
މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާއަށްވަނީ ފޯރިގަދަ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މާފަރުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މާފަރު އެއަރޕޯޓުން މަރުހަބާ ދެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާ ގުޅިގެން މާފަރުގައި ތަރައްޤީގެ މުހިންމު ދެ މަޝްރޫޢެއްގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާފަރުގެ ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، އެރަށުގައި ތަރައްޤީ ކުރާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މާފަރަށް ކުރެއްވި މި ޒިޔާރަތަށްފަހު، އެމަނިކުފާނު ނ. ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މިލަދޫ، އަދި ފޮއްދޫއަށް ވެސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅަކީ ސަރުކާރުގެ ވައުދުތައް ފުއްދުމާއި، ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރަށްރަށުގެ ތަރައްޤީގެ ކަންކަން ބެލެހެއްޓުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.