Ads by Stelco

ޚަބަރު

ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ނ އަތޮޅަށް ފުރާވަޑައިގެންފި

ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ނ އަތޮޅަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ދ. ރިނބުދޫއަށް ވަޑައިގަތުން، 25 ފެބުރުވަރީ 2025، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

21 ޖުލައި 2025، 08:57

21 ޖުލައި 2025، 08:57

ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނ އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު، މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުންތަކުގެ އިތުރުން، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފެއްޓެވުން ވެސް މި ދަތުރުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން