ޚަބަރު
ސުޕްރީމްކޯޓު ހިންގެވުން ފަނޑިޔާރު ޢަބްދުﷲ ޙަމީދާ ޙަވާލުކުރައްވައިފި

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން، ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ނިންމަވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމަވާފައިވާކަމަށެވެ. އަދި އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އުއްތަމަފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖުމުލަ 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.