ޚަބަރު
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކަކުލު ހުޅު ބަދަލުކުރުމުގެ 11 ކާމިޔާބު ސަރޖަރީއެއް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސަރޖަރީއެއް ކުރިއަސް ދަނީ ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކަކުލު ހުޅު ބަދަލުކުރުމުގެ 11 ކާމިޔާބު ސަރޖަރީއެއް މިފަހުން ކުރިޔަށް ގެންގޮސްފިއެވެ. މިއީ އެ ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ "ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީ.ކޭ.އާރު)" އޮޕަރޭޝަން ކޭމްޕެއްގެ ތެރެއިން ދެވުނު މުހިންމު ޚިދުމަތެކެވެ.
މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދެވުނު މި ކޭމްޕުގައި، ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަން ކުރިޔަށް ގެންދެވިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިގޮތުން 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ ދެ ކަކުލުގެ ހުޅު ވަނީ ކާމިޔާބުކަމާއެކު ބަދަލުކުރެވިފައެވެ.
މި ކޭމްޕުގައި ލީޑް ޑަކްޓަރެއްގެ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމެންޓްގެ ހެޑް، ކަށީގެ ހާއްސަ ޑަކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝަކޫރު ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ނަރުހުން ވަނީ މި އޮޕަރޭޝަންތައް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލުގެ އަމާޒަކީ، އެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރުކޮށް، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އަދި މި މަސައްކަތުގައި ދިވެވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަދި ޞިއްޙީ ވަޒީރު އަދި ވުޒާރާއިން ކޮށްދެއްވާ މަސައްކަތް ހޮސްޕިޓަލުން ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.
މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، ހޮސްޕިޓަލަށް އާ އިމާރާތެއް ނުހަނު ބޭނުންވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ކަމެކެވެ.