Ads by Stelco

ޚަބަރު

ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދު މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބަންދު

ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދު މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބަންދު

ޓްރެފިކް ފްލޯއަށް ބަދަލުގެނެވިފައިވާ ގޮތުގެ ޗާޓު ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 03:23

20 ޖުލައި 2025، 03:23

ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ފަރިތަކުރުންތަކަށްޓަކައި، މާލޭގެ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި މިރޭ 20:00 ފެށިގެން މިރޭ ރިހާސަލް ނިމެންދެން ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިއަދު 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ޢާންމުންނަށް ވަނީ ބަންދުކޮށްފަ އެވެ. މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް 3 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފަ އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

މިގޮތުން، ފުރަތަމަ އޮންނާނީ ޖުލައި 26 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. އެއަށްފަހު އެދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތައްވެސް އެދުވަހު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑު އަދި ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓްމާޗު ކުރިއަށްގެންދާއިރު، މިހަރަކާތް ހުޅުމާލޭގެ ބޮޑެތިމަގުތަކުގައި ޖުލައި 27 ވަނަ ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާގޮތަށް ހަމަޖައްސާފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30ގައި ޒުވާނުންގެ މަރުކަޒުގަ އެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށްވެސް ވަނީ ނިންމަވާފަ އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިނިވަންދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން