ދުނިޔެ

ދެކުނު ކޮރެއާގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން 14 މީހުން މަރުވެއްޖެ

ދެކުނު ކޮރެއާގައި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން 14 މީހުން މަރުވެއްޖެ

ވިއްސާރަވެ ފެން ބޮޑުވި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 03:23

20 ޖުލައި 2025، 03:23

ދެކުނު ކޮރެއާގައި ކުރި ބޯ ވިއްސާރައިގެ ސަބަބުން މިހާތަނަށް 14 މީހުން މަރުވެ، އަދި 12 މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ އޮތޯރިޓީތަކުން މަޢުލޫމާތު ދީފިއެވެ.

މި ހާދިސާގައި އިތުރު މީހުން މަރުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް ދެކުނު ކޮރެއާގެ އޮތޯރިޓީތަކުން ވަނީ ބުނެފައެވެ. 

ފަތުރުވެރިންގެ މެދުގައި މަޤްބޫލު ސަރަހައްދެއް ކަމަށްވާ ގަޕްޔޯންގްގައި މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ދެ މީހަކު މަރުވެ، ހަތަރު މީހަކު ގެއްލިފައިވެއެވެ. މި ހާދިސާގައި 70 އަހަރުގެ އަންހެނަކު އޭނާގެ ގެ ވެއްޓިގެން މަރުވި އިރު، 40 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވަނީ ފާލަމެއްގެ ކައިރިންނެވެ.

ސިއޯލްއިން އިރުމަތީ ދިމާލަށް 70 ކިލޯމީޓަރު ދުރުގައިވާ ގްޔެއޮންގީ ޕްރޮވިންސްގައި މިއަދު ހެނދުނު 170 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ނަމަވެސް މަރުގެ އަދަދު އެންމެ ގިނައީ ދެކުނު ސަރަހައްދުގެ ސަންޗެއޯންގް ކައުންޓީގައެވެ. މި ސަރަހައްދަށް ބުދަ ދުވަހުން ފެށިގެން 800 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ސަންޗެއޯންގްގައި ހިންގި މީހުން ސަލާމަތްކުރުމުގެ މަސައްކަތުން މިއަދުގެ ހެނދުނު ދެ ހަށިގަނޑު ފެނުނެވެ. މިއާއެކު 33،000 މީހުން ދިރިއުޅޭ މި ސަރަހައްދުގައި މަރުވި މީހުންގެ އަދަދު އަށަކަށް އަރާފައިވާ އިރު، އަދިވެސް ހަ މީހަކު ވަނީ ގެއްލިފައެވެ.

ދެކުނު ކޮރެއާގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި މި ހާދިސާގައި 1،920 މަގު ފެންބޮޑުވެ، ބިން ގަނޑު ކަނޑައިގެންގޮސް އާންމު ވަސީލަތްތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި އިމާރާތްތަކާއި ދަނޑުބިންތައް ހިމެނޭ އަމިއްލަ މުދަލަށް ލިބުނު ގެއްލުމުގެ 2،234 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން 14 ސިޓީއާއި ޕްރޮވިންސްތަކުގައި 12،921 މީހުން ވަގުތީ ހިޔާވަހިކަން ހޯދާފައިވެއެވެ.

ދެކުނު ކޮރެއާއަށް އާންމުކޮށް މޫސުމީ ވިއްސާރަ އަންނަނީ ޖުލައި މަހުގައެވެ. އަދި މިފަދަ ކަންކަމަށް އެ ޤައުމުން ރަނގަޅަށް ތައްޔާރުވެފައި ހުރެއެވެ. ނަމަވެސް މި ފަހަރު ދެކުނު ސަރަހައްދުތަކަށް ވެހުނު ވާރެއަކީ ރެކޯޑު އަދަދެއްގެ ވާރޭކަން މޫސުމާބެހޭ ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ހާދިސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން