ޚަބަރު
ހުވަދޫ ޔޫތު ކެމްޕް 2025: ގއ. ވިލިނގިލީގައި ޒުވާނުންނަށް މުހިއްމު ލީޑަރޝިޕް ތަޖުރިބާއެއް!

ހުވަދޫ ޔޫތު ކެމްޕް 2025
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި، ފަންނާ ބެހޭ ވުޒާރާއިން "ހުވަދޫ ޔޫތު ކެމްޕް 2025" ބާއްވާނެކަން އިއުލާނުކޮށްފިއެވެ. މި ކެމްޕް ކުރިއަށްދާނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 އިން 19 އަށް، ގއ. ވިލިނގިލީގައެވެ. މި ކެމްޕަކީ ގއ. އަތޮޅުގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން އިންޑޯރ އާއި އައުޓްޑޯރ ހަރަކާތްތައް އެކުލެވޭ ހައި-އެނަރޖީ ތަޖުރިބާއެއް ލިބިގެންދާނެ ކޭމްޕެކެވެ.
މި ޔޫތު ލީޑަރޝިޕް ކެމްޕްގެ ތެރޭގައި އައުޓްޑޯރ އެޑްވެންޗާސް އާއި ކްރިއޭޓިވް ވޯކްޝޮޕްތައް ހިމެނެއެވެ. މި ކެމްޕްގެ މައިގަނޑު ލަނޑުދަނޑިއަކީ ޒުވާނުންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ދިނުމާއި، އުނގެނުމުގެ ފުރުސަތު ދިނުމާއި، އެކުގައި މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ މާހައުލެއްގައި ލީޑަރޝިޕްގެ މުހިއްމު ހުނަރުތައް ބިނާކުރުމެވެ.
މި ކެމްޕްގެ މުހިއްމު ތަފްސީލުތަކުގެ ތެރޭގައި:
ތަން: ގއ. ވިލިނގިލި
ތާރީޚް: 2025 އޮގަސްޓް 16 – 19
ޝަރުތު: ގއ. އަތޮޅުގެ 18–35 އަހަރާ ދެމެދުގެ ޒުވާނުން
ރަޖިސްޓްރޭޝަން ފީ: ހިލޭ
ރަޖިސްޓްރޭޝަން ސުންގަޑި: 2025 އޮގަސްޓް 1 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
މިކަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ކިއުއާރު ކޯޑު މެދުވެރިކޮށް ނުވަތަ މި ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ: https://forms.gle/S4onuKzTbrNcMKau5
އިތުރު މައުލޫމާތު ހޯދުމަށް 7925704 އަށް ގުޅުއްވުމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
މި ކެމްޕަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި، ފަންނާ ބެހޭ ވުޒާރާ އާއި، ގއ. އަތޮޅު ކައުންސިލް، އޮސްޓްރޭލިއާ އެލަމްނައި ގްރޫޕް މޯލްޑިވްސް، އަދި ހޯރޫ ގުޅިގެން ހިންގާ ހަރަކާތެކެވެ. ގއ. އަތޮޅުގެ ޒުވާނުންނަށް މިފަދަ ހިތްގައިމު އަދި ފައިދާހުރި ތަޖުރިބާތަކުގެ ތެރެއިން ތަރައްގީވެ، ގުޅުން ބަދަހިކޮށް، ކުރިއަށް ދިއުމަށް މި ހާއްސަ ފުރުސަތުގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.