ޚަބަރު
އުތުރާއި މެދުރާއްޖެތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް

ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ.-- ފޮޓޯ: މިހާރު

ފަރުދުން
20 ޖުލައި 2025، 09:47
20 ޖުލައި 2025، 09:47
ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖީއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް 6 ގަޑިއިރަށް ހއ އަތޮޅުން ދ އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފައެވެ. އެގޮތުން ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 03:30 އަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް މެޓު އޮފީހުން ހާމަކުރެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ހާމަކުރީ، ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.