ޚަބަރު
ހައްޔަރުކުރި ފުލުސް އޮފިސަރު ކޮކެއިންއަށް ޕޮޒިޓިވް

މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ފުލުސް އޮފިސަރު---
މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ ފުލުސް އޮފިސަރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)އެވެ.
މީގެ ތެރެއިން ފުލުސް އޮފިސަރަކީ އައިޝަތު ޝިޔާޒާއެވެ. އެހެންކަމުން އޭނާ މިހާރު ހުރީ ސަސްޕެންޑުކޮށްފައިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލާގައި ދެން ހިމެނޭ ސައިފުﷲ އަކީ ކުރިން ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފައެވެ.
މި ދެ މީހުން މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކުރިއިރު، އެ މީހުންގެ އަތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.
ސައިފުﷲގެ ބަންދަށް 10 ދުވަސް ދީފައި ވާއިރު ޝިޔާޒާގެ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ.