ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސެލޯނާއަށް

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސެލޯނާއަށް

މާކަސް ރަޝްފޯޑު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2025، 06:14

20 ޖުލައި 2025، 06:14

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންއަންނަ އިނގިރޭސި ކުޅުންތެރިޔާ، މާކަސް ރަޝްފޯޑު ބާސެލޯނާއަށް ބަދަލުވުމަށް ނިންމައިފިއެވެ. 

މި ބަދަލަކީ ރަޝްފޯޑު ދެކެމުން އައި ހުވަފެނެކެވެ. މިދިޔަ ޑިސެންބަރުގައި ޔުނައިޓެޑުގެ ކޯޗު، ރޫބެން އަމޮރިމްއާ ޖެހުނު މައްސަލައާ ގުޅިގެން އެ ކްލަބުގެ ސްކޮޑުން އޭނާ ބާކީ ކުރުމުން، އޭނާ ބަދަލުވުމަށް އެންމެ ބޭނުންވި ކްލަބަކީ ބާސެލޯނާއެވެ.

ރަޝްފޯޑު ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމުގައި ވިޔަސް، އެއްބަސްވުމުގައިވާ ގޮތުން އޭނާ ގަތުމުގެ އިޚްތިޔާރު ވެސް ބާސެލޯނާއަށް އޮންނާނެއެވެ. 

ބާސެލޯނާއިން މި ޓްރާންސްފަރ ވިންޑޯގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އަތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ގަތުމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު 10 އަހަރަށް ދަންމާލާފައެވެ.

ރަޝްފޯޑާއި އަމޮރިމްއާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު، މިދިޔަ ސީޒަންގެ ފަހު ބައިގައި ރަޝްފޯޑު ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށެވެ. އެ ޓީމަށް ކުޅުނު 17 މެޗުގައި އޭނާ ވަނީ 4 ގޯލު ކާމިޔާބުކޮށް 6 އެސިސްޓުކޮށްދީފައެވެ. 

އޭނާ އެސްޓަން ވިލާއަށް ބަދަލުވީ، ޔުނައިޓެޑުގެ ސްކޮޑުން އޭނާ ބާކީކޮށް، ވަކިން ތަމްރީނުތައް ހަދަން ޖެހުނު ފަސް ކުޅުންތެރިންގެ ތެރޭގައި އޭނާ ވެސް ހިމެނުމުންނެވެ. އޭގެ ތެރޭގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކަށް ހުރީ ވެސް އޭނާއެވެ. 

ރަޝްފޯޑު ބާސެލޯނާއާ ގުޅުން ވެގެންދާނީ ޔުނައިޓެޑަށް ބޮޑު ރަނގަޅަކަށެވެ. އެއީ އައު ކުޅުންތެރިންނާއެކު ސްކޮޑު ވަރުގަދަ ކުރުމަށް އިތުރު ފައިސާ ލިބޭނެތީއެވެ. 

ޔުނައިޓެޑުން މެތިއުސް ކޫނާ އާއި ބްރްޔަން އެމްބިއުމޯ ގަތުމަށް 130 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ހޭދަކޮށްފައިވާއިރު، މިތަން ފޫބެއްދުމަށް އިތުރު ފައިސާ ބޭނުންވެއެވެ. 

އެގޮތުން ރަޝްފޯޑު ބަދަލުވުމަށްފަހު އޭނާއަށް މުސާރަ ނުދީ ފަރުޖެއްސޭނެ ގޮތް ވުމަކީ ވެސް ޔުނައިޓެޑުގެ ބަޖެޓަށް ބޮޑު އިތުރުވުމެކެވެ. ރަޝްފޯޑަށް ޔުނައިޓެޑުން ދެމުން އަންނަނީ ހަފްތާއަކަށް 325،000 ޕައުންޑެވެ. މިއަށް ވުރެ ބޮޑު މުސާރައެއް ދޭން ޖެހޭ ކުޅުންތެރިއަކަށް މިވަގުތު ޔުނައިޓެޑުގެ ސްކޮޑުގައި ދެން ހުރީ ކެސަމީރޯއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން