ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ސިފައިންނަށް އެ ޓީމުގެ ފުރަތަމަ މެޗު ގެއްލިއްޖެ

ކާވާ ޗެމްޕިއަންސް ލީގު: ސިފައިންނަށް އެ ޓީމުގެ ފުރަތަމަ މެޗު ގެއްލިއްޖެ

ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯސްޓް ކުލަބާއި ސިފައިން ބައްދަލުކުރި މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖުލައި 2025، 05:01

18 ޖުލައި 2025، 05:01

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު އެ ޓީމުގެ ފުރަތަމަ މެޗުގައި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯސްޓް ކުލަބާ ބައްދަލުކުރިއިރު، އެ މެޗުން އެ ޓީމަށް މޮޅެއް ނުހޯދުނެވެ. 

ނަމަވެސް ރާއްޖޭގެ ވޮލީ ސީޒަންގެ ތިން ތަށި ކާމިޔާބުކުރުމަށްފަހު މި މުބާރާތަށް ނިކުތް ސިފައިންނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރާކަށް ނޭޕާލު ޓީމަށް ފަސޭހައެއް ނުވިއެވެ. އެ މެޗު ނޭޕާލް ޓީމުން ކާމިޔާބުކުރީ، ފަސް ސެޓު ކުޅެގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗު ފެށިގެން ނިމެންދެން ވެސް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދެ ޓީމުން ހަމަހަމަ ކުޅުމެއްދެއްކި ފުރަތަމަ ސެޓު ހެލްޕް ނޭޕާލުން ކާމިޔާބު ކުރީ 33-31 ޕޮއިންޓުންނެވެ. 

ދެވަނަ ސެޓު ހެލްޕު ނޭޕާލުން ކާމިޔާބުކުރީ ގަދަ ހިފުމަކަށް ނުގޮހެވެ. އެ ސެޓު ނިމުނީ 25-20 ޕޮއިންޓުންނެވެ. 

ފުރަތަމަ ދެ ސެޓް ހެލްޕް ނޭޕާލުން ކާމިޔާބު ކުރުމާއެކު ޖެހިގެންއައި ސެޓު ކާމިޔާބުކޮށް އެ ޓީމުން މެޗު ނިންމާލާނެކަމަށް ބެލެވުނަސް، އެ ސެޓް 25-22 ޕޮއިންޓުން ކާމިޔާބުކޮށް ސިފައިންގެ ޓީމުން އިތުބާރު ދެމެހެއްޓިއެވެ. އެއަށްފަހު ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ސިފައިންގެ ޓީމުން މެޗުގެ ފޯރިގަދަކޮއްލިއެވެ. ހަތަރު ވަނަ ސެޓު ސިފައިންގެ ޓީމުން ގެންދިޔައީ 25-20 ޕޮއިންޓުންނެވެ. 

ނަމަވެސް، މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ސެޓުގައި ހެލްޕު ނޭޕާލުން ވަރަށް މޮޅަށް ކުޅުނެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 7 ޕޮއިންޓުގެ ތަފާތަކުން، 15-8 އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން