Ads by Stelco

ޚަބަރު

ހއ އަތޮޅުން ފ އަތޮޅަށް ރީނދޫ ސަމާލު

ހއ އަތޮޅުން ފ އަތޮޅަށް ރީނދޫ ސަމާލު

ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޖުލައި 2025، 10:38

18 ޖުލައި 2025، 10:38

މިހާރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާއިރު، މިއަދުގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 1:30 އަށް މޫސުން ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން، މި ސަމާލުގެ ވަގުތުގައި ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެއާއެކު ކަނޑުތައް ވެސް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން  ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައިވާ ގޮތުގައި ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ރައްޔިތުން ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މޫސުން ގޯސްވެދާނެކަމުގެ އިންޒާރު ދީފައިވާ ދުވަސްތަކުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ހިތްވަރުދީފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރާއިރުވެސް، ދަތުރުކުރާ ފަރާތްތަކާއި އުޅަނދުތަކުން ސަލާމަތީ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން