ކުޅިވަރު
ސާރޖަރީއަކާ ގުޅިގެން މިއަންނަ ސީޒަންގެ ކުރީކޮޅު ބެލިންގްހަމްއަށް ނުކުޅެވޭނެ

ޖޫޑް ބެލިންގްހަމް---
ޖޫޑް ބެލިންގްހަމްގެ ކޮނޑު ހުޅުގެ ސާރޖަރީއެއް ހެދުމާ ގުޅިގެން، މި އަންނަ ސީޒަން ފެށޭ ހިސާބުގައި އޭނާއަށް ނުކުޅެވޭނެކަމަށް ރެއާލް މެޑްރިޑުން ހާމަކޮށްފިއެވެ.
އެގޮތުން އުމުރުން 22 އަހަރުގެ ބެލިންގްހަމްއަށް ޕްރީ ސީޒަނުގެ ހުރިހާ މެޗަކާއި، ސީޒަންގެ ގާތްގަނޑަކަށް 6 ހަފްތާ ގެއްލޭނެކަމަށް ވަނީ ބެލެވިފައެވެ.
މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑުން އެންޑޯރާ އާއި ސާރބިއާއާ ދެކޮޅަށް ސެޕްޓެމްބަރުގައި ކުޅޭ މެޗުތައް ވެސް އޭނާއަކަށް ނުކުޅެވޭނެއެވެ.
ބެލިންގްހަމްގެ ކޮނޑު ހުޅުގެ އަނިޔާއަކީ ގިނަ ދުވަސްވެފައިވާ އަނިޔާއެކެވެ. މި އަނިޔާ ލިބުނީ 2023ގައި ރެއަލް ވަޔޮކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮނޑު ހުޅުން ނެއްޓުމަށްފަހުއެވެ.
ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއަލްގެ ލީގުގެ ފުރަތަމަ މެޗު ތާވަލުކޮށްފައި ވަނީ އޯގަސްޓު 19ގައި އޮސަސޫނާއާ ދެކޮޅަށެވެ.
ބެލިންގްހަމްއަށް ލިބުނު އަނިޔާއަށްފަހު އޭނާ ކުޅެމުން އަންނަނީ ކޮނޑު ހުޅު ބެންޑޭޖުކޮށްގެންނެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ، ބެންޑޭޖުކޮށްގެން ކުޅެން އުނދަގޫ ކަމަށެވެ.
ބެލިންގްހަމްގެ ސާރޖަރީ ކުރިޔަށް ގެންގޮސްފައި މިވަނީ ރެއާލްއިން ބޭނުންވި ގޮތަށް ކްލަބް ވޯލްޑް ކަޕަށް ފަހުއެވެ. އެ މުބާރާތުގެ ސެމީފައިނަލުން ރެއާލް ކެޓީ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) އަތުން 4-0 އިން ބަލިވުމާ ގުޅިގެންނެވެ.
ބެލިންގްހަމް ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލްއާ ގުޅުނީ މީގެ ދެ އަހަރު ކުރިން 115 މިލިއަން ޕައުންޑަށެވެ. އެއަށްފަހު ފުރަތަމަ ސީޒަންގައި އޭނާ ވަނީ ލަ ލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގައި ކުޅުނު 43 މެޗުން އޭނާ ވަނީ 23 ގޯލު ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަންގައި ކުޅުނު 58 މެޗުން ބެލިންގްހަމްއަށް ކާމިޔާބުކުރެވުނީ 15 ގޯލެވެ. އަދި އެ ސީޒަންގައި ބާސެލޯނާއިން ލީގު ކާމިޔާބުކުރިއިރު، ޗެމްޕިއަންލީގުގެ ކުއާޓާފައިނަލުން ވަނީ ކަޓާފައެވެ. ޗެމްޕިއަންސް ލީގުން އެ ޓީމު ކަޓުވާލީ އާސެނަލްއެވެ.