ޚަބަރު
މަތީ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ފިޒާނާ ވާހަކަފުޅުދައްކަވަނީ
ރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، ހެދިފައިވާ ޤަވާއިދުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމުގެ ސަބަބުން މަތީ ތަޢުލީމީ ނިޒާމަށް ފާހަގަކުރެވޭފަދަ އެދެވޭ ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި މަތީ ތަޢުލީމު ދިނުން ފުޅާވެފައިވީނަމަވެސް، އަދިވެސް މިކަމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ފޯރުކޮށްދޭ މަތީ ތަޢުލީމަކީ ފެންވަރު ހުރި ތަޢުލީމެއްތޯ ސުވާލު އުފައްދަން ފަށާފަ. ހާއްސަކޮށް މުޖުތަމައަށް މިއަދު އިވޭ އަޑަކީ ކިޔަވައިގެން ނިކުންނަ ކުދިންގެ ފެންވަރު ދަށޭ ބުނާ އަޑު. ސަނަދު ހޯދަނީ މީހަކު ލައްވާ އަގު ދީގެންނޭ ބުނާ އަޑު،
އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު
ފިޒާނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޯސްތައް ޕާޓް-ޓައިމްކޮށް ހިންގާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މި ނަމުގެ މާނަ އޮޅިފައިވެއެވެ. ޕާޓް-ޓައިމްގެ ނަމުގައި ކިޔަވަމުންދާއިރު، ފުލް-ޓައިމް ކޯހެއްގެ މަސައްކަތުގެ ބުރަދަން އުފުލަމުންދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަމާއި، މިކަމުގެ ސަބަބުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރަށް އަސަރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި 80 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، 11 ކޮލެޖަކާއި، 2 ޔުނިވަރސިޓީއާއި، އާންމު އަދި ސަރުކާރުގެ 12 އިންސްޓިޓިއުޝަން ހިމެނެއެވެ. އަދި މި ބައްދަލުވުމުގައި ރާއްޖޭގައި ޤާއިމްވެފައި ތިބި ޔުނިވަރސިޓީތަކާއި ކޮލެޖުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ކަރުދާސް ނުވަތަ ރައުޔު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.