ޚަބަރު
ދަރިންނަށް ޚަރަދުނުކުރާ މީހެއްގެ ފޮޓޯ ފެމެލީ ކޯޓުން ޢާންމު ކޮށްފި

ފެމެލީ ކޯޓުން ޢާންމު ކުރި ބަޔާން.

ފަރުދުން
16 ޖުލައި 2025، 02:59
16 ޖުލައި 2025، 02:59
ދަރިންގެ ޚަރަދަށް ފެމެލީ ކޯޓުން ކަނޑައަޅާފައި އޮންނަ ޘާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ އެކޯޓުން ފުރަތަމަ ފަހަރަށް އިއްޔެ ޝާއިޢުކޮށްފިއެވެ.
ފެމެލީ ކޯޓުން އިޖުތިމާޢީ ވިޔުގަ ތަކުގައި ކުރި ޕޯސްޓުގައި ބުނީ އެ މީހާގެ ފޮޓޯ ޢާންމުކުރީ ޘާބިތު ޚަރަދަށް ފައިސާ ނުދެއްކުމުން، އެކަން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ފޮޓޯ ޢާންމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަޙްމަދު ޢަލީ އެވެ.
ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު ޝާއިޢުކުރުން pic.twitter.com/mJYgz3kAEC
— Family Court of the Maldives (@FamilyCourtMv) July 16, 2025
ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޚަރަދު ނުދޭ މައްސަލައިގައި މިމީހާގެ ފޮޓޯ ޢާންމުކ ކުރި ނަމަވެސް، އެފަދަ އެންމެންގެ ފޮޓޯ ޢާންމުކުރުމަށް ފެމެލީ ކޯޓުން އަދި ނިންމާފައެއް ނުވެއެވެ.
ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މަޢޫލޫމާތު ޢާންމުކުރަން އެންމެ ފުރަތަމަ ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު ޅ. ހިންނަވަރު ކޯޓުންނެވެ. އެއަށްފަހު، ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހެއްގެ މަޢޫލޫމާތު ޝާއިޢުކޮށްފައެވެ.
ދަރިންގެ ޚަރަދު ނުދޭ ފަރާތްތަކުގެ ވަނަވަރު ޢާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް، މިހާތަނަށް އެޙުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ. މިޙުކުމް ތަންފީޒު ކޮށްފައި ނުވަނީ، އެކަމަކީ ކޯޓުގެ އިޚުތިޔާރީ ފިޔަވަޅެއްކަމުގައި ވާތީ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.