ޚަބަރު
އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އިޢުލާންކޮށްފި

ކިންގް ސަލްމާން މިސްކިތުގައި ހުންނަ އިސްލާމީ ކުތުބުހާނާ، ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމިކް ލައިބްރަރީތަކަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފޮތް ހޯދަމުން ދަނީ އެ ވުޒާރާގެ ފަރާތުން ރ. އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކުސިޓީ ޤުރްއާން ސެންޓަރުގައި ޤާއިމުކުރާ ލައިބްރަރީތަކަށްކަމަށެވެ.
އަދި މި ފޮތްތަކުގެ ތެރޭގައި ހިމެނޭނީ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައްކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން އެ ދާއިރާތަކުން އިސްލާމިކް ލައިބްރަރީތަކަށް ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތައް، ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެ ވުޒާރާއިން ޙިއްސާކޮށްފައިވާ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވަށް ވަނީ ހުޅުވާލާފައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.