ޚަބަރު
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ އަދަދު ހާމަކޮށްފި

މި ސަރުކާރުގެ ކެބިނެޓު ހުވާކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ސިޔާސީ މަޤާމުތަކުގެ ހުރިހަ ގިންތިތަކެއްގައި މިހާރު މުޅި ޖުމްލަ ތިއްބެވީ 922 މުވައްޒަފުންނެވެ.
އެގޮތުން ސިޔާސީ މަޤާމުތަކުގައި އެންމެ ގިނައިން ތިއްބެވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. ދެން އެންމެ ގިނައީ ޑެޕިއުޓީ މިނިސްޓަރުންނެވެ.
އެކި ގިންތިތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދުތައް:
- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކޮށް އަދި ވަކިކުރެއްވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. އެއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ.
ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ހާމަކުރެއްވީ، މި އަދަދު ހާމަނުކުރައްވައިގެން އިދިކޮޅު ފަރާތްތަކުން އެކަމާ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންގެންދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.